ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބޭންކު ފަންޑުގެ އެހީގައި ތ. ވޭމަންޑޫ ސްކޫލުގައި ސްޕެޝަލް އެޑިއުކޭޝަން ނީޑް (ސެން) ދަރިވަރުންނަށް ޚާއްޞަކޮށްގެން ސެންސަރީ އަދި ވޮކޭޝަނަލް ކުލާސްރޫމެއް އިމާރާތްކޮށް ހުޅުވައިފިއެވެ. މިއީ މިދިޔަ އަހަރު ބޭންކު ފަންޑުގެ ދަށުން އެހީ ލިބިގެން ވޭމަންޑޫ ޒުވާނުންގެ ގުޅުމުން ހިންގި މަޝްރޫއެކެވެ.
މި ކުލާސްރޫމް ތައްޔާރުކޮށްފައިވަނީ ދަރިވަރުންގެ ގާބިލުކަން އިތުރުކޮށްދިނުމަށާއި، އެހެން މީހުންނާ ގުޅިގެން މުޖުތަމައުގައި ހަރަކާތްތެރިވުމަށް ބޭނުންވާ ހުނަރުތައް ތަރައްގީކުރުމަށެވެ. އަދި މި ކުދިންގެ ތައުލީމީ ބޭނުންތަކަށް ބަލައިގެން، ކެއްކުމާއި ފެހުން ފަދަ ދިރިއުޅުމުގެ މުހިންމު ހުނަރުތައް ދަސްކޮށްދިނުމަށް ކުލާސްރޫމުގެ ޚިދުމަތްތައް ފުޅާކުރުމަކީ ވޭމަންޑޫ ސްކޫލުގެ އަމާޒެކެވެ.
ވޭމަންޑޫ ޒުވާނުންގެ ގުޅުމުގެ ރައީސް އަހުމަދު ޝައުގަތު ވިދާޅުވީ، މި މަޝްރޫއުގެ މަގުސަދަކީ އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ޚާއްޞަކުރެވޭ ކުލާހެއްގައި ތަފާތު ހަރަކާތްތައް ހިންގޭނެ މާހައުލެއް ފަހިކޮށްދިނުން ކަމަށެވެ.
"މި ކުލާސްރޫމް އިމާރާތްކުރުމުގައި ސްކޫލުން ދެއްވި އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރަން ބޭނުންވޭ. މި ފުރުޞަތުގައި ބޭންކް އޮފް މޯލްޑިވްސްއަށް ހިތުގެ ފުންމިނުން އަޅުގަނޑާއި ވޭމަންޑޫގެ ރައްޔިތުންގެ ނަމުގައި ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން. ހަމައެއާއެކު، މި ޖަމިއްޔާގެ މެންބަރުންނަށާއި އެކި ގޮތްގޮތުން މި ޕްރޮޖެކްޓަށް އެހީވެދެއްވި އެންމެހާ ފަރާތްތަކަށާއި، މި ޕްރޮޖެކްޓުގެ މަސައްކަތްތައް މިހާ ފުރިހަމައަށް އަދި މިހާ އަވަހަށް ނިންމަވައިދެއްވި ކޮންޓްރެކްޓަރަށް ވެސް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން،" އޭނާ ވިދާޅުވިއެވެ.
މި އަހަރުގެ މިހާތަނަށް ބީއެމްއެލްއިން ވަނީ ދެ ސްކޫލެއްގެ ސެން ކުލާސްތައް ތަރައްގީކޮށްފައެވެ. އެގޮތުން ހުޅުމާލޭގައި ހުންނަ ސަލާހުއްދީން ސްކޫލާއި ހިރިޔާ ސްކޫލުގެ ސެން ކުލާސްރޫމްތައް ތަރައްގީކޮށް، 200 އަށްވުރެ ގިނަ ދަރިވަރުންގެ އުނގެނުމުގެ މާހައުލު ރަނގަޅުކޮށް، ބޭނުންވާ ވަސީލަތްތައް ފަހިކޮށްދީފައިވެއެވެ.
މީގެ އިތުރުން، ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި ބޭންކުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ 40 ސްކޫލެއްގެ ސެން ކުލާސްތަކަށް ބޭނުންވާ އާލާތްތައް ހަދިޔާކޮށްފައެވެ. މިއީ ހާއްސަ ބޭނުންތަކުގެ ދަރިވަރުންގެ ތައުލީމީ ފުރުޞަތުތައް ފުޅާކުރުމަށް ބީއެމްއެލްއިން ކުރަމުންދާ މަސައްކަތުގެ ބައެއް ކަމުގައި ފާހަގަކުރެވެއެވެ.
ކޮމެންޓު ފޮނުވާ