ދިވެހި ފިލްމީ ދާއިރާގެ ލައިފް އެޗީވްމަންޓް އެވޯޑު އައިޝަތު ޝިރާނީއާއި ޖަންބު ހަސަން އަފީފަށް

ދިވެހި ފިލްމީ ދާއިރާގެ ލައިފް އެޗީވްމަންޓް އެވޯޑު އައިޝަތު ޝިރާނީއާއި ޖަންބު ހަސަން އަފީފަށް

Author
އައިޝަތު އަޙްމަދު
23 އޮގަސްޓް 2025 04:33
0

ދިވެހި ފިލްމީ ދާއިރާއަށް ޚިދުމަތްކޮށްފައިވާ ކުރީގެ މަޝްހޫރު ތަރިން ކަމަށްވާ އައިޝަތު ޝިރާނީއާއި ޖަންބު ހަސަން އަފީފަށް، ޗިޅިޔާ މޫސާ މަނިކުގެ ހަނދާނުގައި ދޭ ލައިފް އެޗީވްމަންޓް އެވޯޑު މިރޭ ހަވާލުކޮށްފިއެވެ. ޣިޔާސުއްދީން ސުކޫލުގައި ބޭއްވުނު މޯލްޑިވްސް ސޮސައިޓީ ފޯ ޕާފޯމިން އާޓްސް (އެމްއެސްޕީއޭ) ފިލްމު އެވޯޑްސް 2024ގެ ހަފްލާގައި މި އިނާމު ހަވާލުކުރީ ގިނަ ދުވަސްތަކެއް ވަންދެން މިފަދަ ހަފްލާއެއް ނުބާއްވާ ހުރުމަށްފަހުގައެވެ.

މި އިނާމު ލިބުނުއިރު ޝިރާނީ ހާމަކުރީ، ހަފްލާއަށް ހާޒިރުވިއިރު މިކަހަލަ އިނާމެއް ލިބޭނެކަމަށް އުންމީދު ނުކުރި ކަމަށާއި، ވަރަށް ބޮޑަށް ސަޕްރައިޒްވެ އުފާވި ކަމަށެވެ. 1992 ވަނަ އަހަރު "ނަސީބު" ފިލްމުން ފިލްމީ ދާއިރާއަށް ވަނުމަށްފަހު ޝިރާނީއަކީ އެ ދާއިރާގައި ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދި ތަރިއެކެވެ. ފިލްމުތަކުގެ އިތުރުން ސިލްސިލާ ޑްރާމާތަކާއި ޓެލެޑްރާމާތަކުގައި ވެސް މުހިންމު ދައުރުތައް އަދާކޮށް، އެތައް ވީޑިއޯ ލަވައެއްގައި ވެސް ފެނިފައިވެއެވެ.

ޝިރާނީގެ ފަންނީ ދަތުރުގައި ލިބިފައިވާ އިނާމުތަކުގެ ތެރޭގައި 1994ގެ ދިވެހި ފިލްމު ފެސްޓިވަލްގެ އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްގެ އިނާމާއި، އާފަތިސް އެވޯޑްސް 1995، 1997 އަދި 1998ގެ އެންމެ މޮޅު އެކްޓްރެސްގެ އިނާމުތައް ހިމެނެއެވެ. މީގެ އިތުރުން 2001 ވަނަ އަހަރު މުނިފޫހިފިލުވުމުގެ ދާއިރާއިން އާންމު ޚިދުމަތުގެ އިނާމު ވެސް ލިބިފައިވެއެވެ.

ޖަންބު ހަސަން އަފީފު މި އިނާމާ ގުޅިގެން ވާހަކަދައްކަމުން ބުނީ، "މަރުވުމުގެ ކުރިން" މިފަދަ އިނާމެއް ލިބި އަގުވަޒަންކުރެވުނީތީ ވަރަށް އުފާވާ ކަމަށެވެ. ރާއްޖޭގެ ފުރަތަމަ ކޮމާޝަލް ފިލްމް "ތިން ފިޔަވަޅު" އިން ފިލްމީ ދުނިޔެއަށް ވަދެގަތް ޖަންބު ހަސަން، އެތައް ފިލްމަކާއި ޑްރާމާ ސިލްސިލާއެއްގައި ފެނި، ބެލުންތެރިންގެ ލޯބި ހޯދިއެވެ. ނުރައްކާތެރި އެކްސިޑެންޓެއްގެ ސަބަބުން ފިލްމީ ދާއިރާއާ ދުރުވި ނަމަވެސް، އޭނާ ކުޅެފައިވާ ލަވަތަކަކީ މިއަދު ވެސް ދިވެހިންގެ ހިތްތަކުގައި ދިރިހުރި ލަވަތަކެކެވެ.

މިއަދު ފިލްމީ ދާއިރާ ކުރިމަތިވަމުންދާ ގޮންޖެހުންތަކާ ބެހޭގޮތުން ވާހަކަދައްކަމުން ޖަންބު ހަސަން ފާހަގަކުރީ، އެ ދާއިރާގެ ހާލަތު އަޑުއިވުމުން ހިތްދަތިވާ ކަމަށާއި، ނަމަވެސް މިފަދަ އެވޯޑް ހަފްލާތައް ބޭއްވުމަކީ އުފާވެރި ކަމެއްކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.