ސްރީ ލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހަ ސަރުކާރުގެ ފައިސާ ނަހަމަ ގޮތުގައި ހަރަދުކުރުމުގެ ކުށުގައި ހައްޔަރު ކޮށްފިއެވެ. މިއީ ސްރީ ލަންކާގެ ތާރީޚުގައި ރައީސްކަން ކުރެއްވި ބޭފުޅެއް ހައްޔަރުކުރި ފުރަތަމަ ފަހަރެވެ.
ކޮލަމްބޯ ފޯޓް މެޖިސްޓްރޭޓް ކޯޓުން ވަނީ އޭނާ އޮގަސްޓު 26 ވަނަ ދުވަހާ ހަމައަށް ހަތަރު ދުވަހުގެ މުއްދަތަށް ޖަލުގައި ބަންދުކުރުމަށް އަމުރުކޮށްފަ އެވެ. މި މައްސަލަ ބިނާވެފައިވަނީ 2022-2024 އަހަރުތަކުގައި ރަނިލް ރައީސްކަން ކުރަމުން އޮތްއިރު އޭނާގެ އަނބިކަނބަލުންގެ ޔުނިވާސިޓީ އޮފް ވޮލްވާހެމްޕްޓަންގަިއ ދަސްވެނިވުމުގެ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަތުމަށް އެ އެވަކި ދަތުރެއް ހިންގުމަށެވެ.
ދާއިރާ ގުޅުންހުރި މަސްދަރުތަކުން ބުނާގޮތުން، އިނގިރޭސިވިލާތުގެ ލަންޑަނަށް ކުރެއްވި މި ދަތުރަކީ ރަސްމީ ބޭނުމަކަށް ކުރެއްވި ދަތުރެއް ނޫން ކަމަށާއި އެއީ އަމިއްލަ ބޭނުމަކަށް ސަރުކާރުގެ ފައިސާ ހަރަދުކުރެއްވުން ކަމަށް ތުހުމަތުކުރެވެއެވެ. ބައިނަލްއަގުވާމީ ދަތުރުފުޅެއްގެ ބަހާނާގައި ކުރި މި ދަތުރުގެ ހަރަދުތައް ސަރުކާރުގެ ބަޖެޓުން ކަނޑައަޅާފައިވާކަން ކޯޓަށް ހުށަހެޅުނު ތުހުމަތްތަކުން ސާފުވެއެވެ.
މި ދަތުރުފުޅު އިންތިޒާމު ކުރުމުގައި ދައުރެއް އަދާކޮށްފައިވާކަމަށް ބެލެވޭ ކުރީގެ ޕްރެޒިޑެންޝަލް ސެކްރެޓަރީ ސަމަން އެކަނަޔަކަ އާއި ކުރީގެ ޕްރައިވެޓް ސެކްރެޓަރީ ސަންޑްރާ ޕެރޭރާ ވެސް މި މަހުގެ ކުރީކޮޅު ތަހުގީގުގެ މަރުހަލާގައި ސުވާލުކުރެވިފައިވެއެވެ. މިހާރު ލަންކާގެ ވެރިކަން ބާރުގައި އޮތް ސަރުކާރުން ބުނާގޮތުން އެ ގައުމުގައި ހިންގާފައި ހުރި ހިޔާނާތް ތަކާ ބެހޭ މައްސަލަތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ތަހުގީގެއް ކުރިޔަށް ގެންދަމުން ދާކަން ނޫސްތަކުން ވެސް ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ