ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ބިލު އަނބުރާ ގެންދިއުމަށް ކޮމެޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން އިއްޔެ ގޮވާލައިފި އެވެ.
މިދިޔަ ހޯމަ ދުވަހު މަޖިލީހުގެ ޖަލްސާއަށް 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު' ހުށަހެޅުއްވީ، ސަރުކާރަށް ތާއީދުކުރައްވާ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ. މި ބިލުގައިވާ ގޮތުން، މިހާރު އޮތް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި، އެ ތަނުގެ މަސައްކަތްތައް ކުރިއަށް ގެންދާނީ 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން' ގެ ނަމުގައި ރައީސް އުފައްދަވާ އޮފީހަކުންނެވެ.
ސީޕީޖޭން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ބިލުގައިވާ ގޮތުން ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅޭނެ ކަމަށާއި، ރާއްޖޭގެ ނާޒުކު ޑިމޮކްރަސީއަށް ވެސް ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ. ހާއްސަކޮށް ކަންބޮޑުވާ ކަމަކީ، މީޑިއާތައް ރެގިއުލޭޓު ކުރާ ކޮމިޝަނަށް މީޑިއާތަކުން އައްޔަންކުރާ ހަތަރު މެންބަރުން ވަކިކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބުމާއި، ހަތް މެންބަރުންގެ އެ ކޮމިޝަނަށް ތިން މެންބަރުންނާއި ރައީސަކު އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަތުމެވެ.
އަދި މި ކޮމިޝަނަށް ލިބިދޭ ބާރުތަކުގެ ތެރޭގައި، ގާނޫނުގައި ބުނާ މިންގަނޑުތަކާ ހިލާފުވެއްޖެ ނަމަ 5،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް މީޑިއާތައް ޖޫރިމަނާކުރުމާއި، ކޯޓަށް ގޮސްގެން ނޫސްތަކުގެ ރަޖިސްޓްރީ ބާތިލުކުރުމުގެ ބާރު ހިމެނެއެވެ. މީގެ އިތުރުން، ކަމެއް ރަނގަޅުކުރަން އަންގާފައިވާ މުއްދަތުގައި އެކަމެއް އިސްލާހުނުކޮށްފި ނަމަ 5،000 ރުފިޔާއާއި 25،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ނޫސްވެރިން ޖޫރިމަނާކުރުމުގެ ބާރު ވެސް ލިބިގެންވެއެވެ. އަދި ޝާއިއުކުރާ ނުވަތަ ބްރޯޑްކާސްޓުކުރާ އެއްޗަކާ ގުޅިގެން މީހެއްގެ ހައްގަކަށް އުނިކަމެއް ލިބިއްޖެ ކަމަށް ބުނެ ހުށަހަޅާ ޝަކުވާތައް ބެލުމުގެ ބާރު ވެސް މި ކޮމިޝަނަށް ލިބިގެންވެއެވެ.
ސީޕީޖޭގެ އިތުރުން، އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އިން ވެސް ވަނީ މި ބިލު އަނބުރާ ގެންދިއުމަށް ގޮވާލައިފައެވެ. ރާއްޖޭގައި ހަރަކާތްތެރިވާ މީޑިއާ ޖަމްއިއްޔާތަކުން ވެސް މި ބިލާ ދެކޮޅަށް އަޑު އުފުލައިފައިވެއެވެ. މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ވަނީ މި ބިލު މަޖިލީހަށް ބަލައިނުގަނެ ބޭރުކޮށްލަން ބޭނުންވާ ކަމަށް ބުނެފައެވެ. އަދި ދިވެހި ނޫސްވެރިންގެ ޖަމިއްޔާ (އެމްޖޭއޭ) އިން ވަނީ މި ބިލަކީ މިނިވަން ނޫސްވެރިކަން މަރާލުން ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ސީޕީޖޭން ބުނި ގޮތުގައި، މި ބިލާ ގުޅޭ ގޮތުން ރައީސް މުއިއްޒުގެ ބަހަކަށް އެދުނު ނަމަވެސް އަދި ބިލު ހުށަހެޅުއްވި މެންބަރު ހަންނާނަށް ގުޅުއްވި ނަމަވެސް، އެ ދެ ބޭފުޅުންގެ ކޮމެންޓެއް މި ކަމުގައި ލިބިފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ