ދެގުނަ ކެޕޭސިޓީގެ ޑްރެޖަރަކާއެކު ރަސްމާލޭގައި އިތުރު 265 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް ފަށާފައިވަނީ "ޔެންގ ޖުން 1″ ނަމަކަށް ކިޔާ ޓްރެއިލަރ ސަކްޝަން ހޮޕަރ ޑްރެޖަރަކާ އެކުގައެވެ.
ރަސްމާލެ ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 129.60 ހެކްޓަރުގެ ބިން ވަނީ ހިއްކާ ނިމިފައެވެ. މި މަޝްރޫޢުއަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން އަދުގެ ސަރުކާރުން ކުރިއަށްގެންދާ އެންމެ ބިޔަ މަޝްރޫޢުއެވެ. މުޅި މަޝްރޫޢުގެ ދަށުން 1153 ހެކްޓަރުގެ ފުށި ދިއްގަރު ފަޅުން 1009 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ރޭވިފައެވެ.
މި މަޝްރޫޢުގެ ތެރެއިން މިހާތަނަށް ހިއްކާފައިވާ ސަރަހައްދުތަކުން 21،641 މުރަކަ ރައްކާތެރިކަމާއެކު ނަގައި، މާލެ އަތޮޅު ބެންހާފަރާއި މަނިޔަފުށި، އަދި ބައެއް ރިސޯޓުތަކުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމްތަކަށް ވަނީ ބަދަލުކޮށްފައެވެ.
ރަސްމާލެ ހިއްކުމުގެ މަސައްކަތް މިހާތަނަށް ކުރަމުން އައީ 11 ސަރަޙައްދަކަށް ބަހާލައިގެން 2 ކުންފުންޏަކުންނެވެ. ނަމަވެސް މަސައްކަތް އަވަސްކުރުމުގެ ގޮތުން މިމަހުގެ ތެރޭ ޗައިނާގެ ހާބަރ އިންޖިނިއަރިންގ ކުންފުންޏާވެސް މަސައްކަތް ހަވާލުކޮށް، މިހާރު ވަނީ 3 ކުންފުންޏަކުން މަސައްކަތް ކުރަމުންނެވެ.
އަލަށް ފަށާފައިވާ މަސައްކަތުގެ ތެރޭގައި ސައިޓް "ސީ" ގައި ހިމެނޭ 190 ހެކްޓަރާއި "އީ" ގައި ހިމެނޭ 75 ހެކްޓަރު ހިމެނެއެވެ. މި މަސައްކަތަށް ގެނެސްފައިވާ "ޔެންގ ޖުން 1″ ޑްރެޖަރުގެ ކެޕޭސިޓީއަކީ 21،000 ކިޔުބިކް މީޓަރެވެ. މިއީ މިހާތަނަށް މަޝްރޫޢުގައި ބޭނުންކުރަމުން އައި ޑްރެޖަރަށްވުރެ ދެގުނަ ބޮޑު ޑްރެޖަރެކެވެ.
ކޮމެންޓު ފޮނުވާ