އެލްކޭޖީއަށް ކުއްޖަކު ވެއްދުމަށް ހައިކޯޓުން ކުރި އަމުރު ސުޕްރީމް ކޯޓުން ބާތިލުކޮށްފި

އެލްކޭޖީއަށް ކުއްޖަކު ވެއްދުމަށް ހައިކޯޓުން ކުރި އަމުރު ސުޕްރީމް ކޯޓުން ބާތިލުކޮށްފި

Author
ހުސައިން
21 އޮގަސްޓް 2025 05:58
0

އެލްކޭޖީއަށް ނުވައްދާ ހުރި ކުއްޖަކު 15 ދުވަހުގެ ތެރޭގައި ވައްދަން ހައިކޯޓުން ކުރި އަމުރެއް މިއަދު ސުޕްރީމް ކޯޓުން ބާތިލުކޮށްފިއެވެ.

މި މައްސަލައިގައި ކަން ހިނގާފައިވަނީ، އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ އަހަރު ނެރުނު ސާކިއުލާގައި ސުކޫލުތަކަށް ކުދިން ވެއްދުމުގެ އުމުރުފުރާ ކަނޑައެޅުމުން، ކެންގަރޫ ސްކޫލް ކިޑްސްގައި ކިޔަވާ ކުއްޖަކު ބޭބީ ނާސަރީއަށް ބަދަލުވުމަށް ބޭނުންވާ އުމުރު ހަމަނުވާތީ ރިޕީޓް ކުރުމަށް ނިންމުމުންނެވެ.

ކުއްޖާގެ މަންމަ ޔުދްރާ، މިނިސްޓްރީގެ ސާކިއުލާ މުރާޖާކޮށްދިނުމަށް އެދުނު ނަމަވެސް މިނިސްޓްރީން އެކަން ދިން ނެތުމުން، ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. ސިވިލް ކޯޓުން ނިންމީ މިނިސްޓްރީގެ ސާކިއުލާ ތައުލީމުގެ ގާނޫނާ ހިލާފުނުވާ ކަމަށެވެ.

ސިވިލް ކޯޓުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުން މިދިޔަ ޖުލައިމަހު އަމުރުކުރީ 15 ދުވަހުގެ ތެރޭގައި ކުއްޖާ އެލްކޭޖީއަށް ބަދަލުކުރުމަށެވެ. ހައިކޯޓުން ބުނީ، ކުއްޖާގެ ސައިކޮލޮޖިކަލް އެސެސްމަންޓަށް ބަލާއިރު ތިން އަހަރުގެ ކުއްޖެއްގެ ގާބިލުކަން ހުރިކަމަށާއި، ރިޕީޓް ކުރުމަކީ ކުއްޖާއަށް އިއާދަނުކުރެވޭ ގެއްލުމެއް ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ތައުލީމުގެ ގާނޫނުގެ ދަށުން ދަރިވަރުން އެލްކޭޖީއަށް ވައްދަނީ އުމުރަށް ބިނާކޮށް ކަމަށާއި، މިފަދަ އަމުރަކުން އެއްހާލަތުގައި ތިބި އެހެން ކުދިންގެ ފަރާތުން ވެސް އަމުރަށް އެދުމުގެ "ފްލަޑް ގޭޓް" ހުޅުވިދާނެ ކަމަށެވެ.

ސުޕްރީމް ކޯޓުން މިއަދު ނިންމީ، ވަކި ކުއްޖެއްގެ މަސްލަހަތުގައި މުޅި ތައުލީމީ ނިޒާމު އެއްފަރާތް ކުރެވޭގޮތަށް ކަންކަން ކުރުމަކީ ކުރެވިގެންވާނެ ކަމެއް ނޫންކަމަށާއި، ހައިކޯޓުގެ އަމުރު ގާނޫނީ އުސޫލުތަކާ އެއްގޮތް ނުވާތީ ބާތިލުކުރާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.