ރާއްޖޭގެ އެކި ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކަށް މެޖިސްޓްރޭޓުންނާއި އިސް މެޖިސްޓްރޭޓުން ހޯދުމަށް ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު އިޢުލާނުކޮށްފިއެވެ.
މެޖިސްޓްރޭޓުން ބޭނުންވާ ކޯޓުތަކުގެ ތެރޭގައި ހއ.ކެލާ، ހއ.ފިއްލަދޫ، ހދ.ކުޅުދުއްފުށީ، ށ.ކަނޑިތީމު، ށ.ކޮމަންޑޫ، ށ.ފުނަދޫ، ށ.މާއުނގޫދޫ، ނ.މާފަރު، ނ.ލަންދޫ، އއ.އުކުޅަސް، އއ.ފެރިދޫ، ދ.ކުޑަހުވަދޫ، ތ.ހިރިލަންދޫ، ލ.މާމެންދޫ، ލ.ގަން، ގއ.ވިލިނގިލި، ގއ.މާމެންދޫ، ގއ.ކަނޑުހުޅުދޫ، ގއ.ދެއްވަދޫ އަދި ގދ.ފިޔޯރީ ހިމެނެއެވެ. މީގެތެރެއިން ކުޅުދުއްފުށި، ކުޑަހުވަދޫ، ގަން އަދި ވިލިނގިލީ ކޯޓުތަކަށް މެޖިސްޓްރޭޓުން ހޯދާއިރު، ބާކީ 16 ކޯޓަށް އިސް މެޖިސްޓްރޭޓުން ހޯދުމަށް އިޢުލާންކޮށްފައިވެއެވެ.
މަޤާމުތަކަށް ކުރިމަތިލުމަށް ޝަރުޠު ހަމަވާ ފަރާތްތަކަކީ، އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި ޝަރީޢަތުގެ ރޮނގުން ދަށްވެގެން ޑިޕްލޮމާ ހާސިލުކޮށްފައިވާ ފަރާތްތަކެވެ. މީގެ އިތުރުން ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަމުގައި ނުވަތަ ޝަރުޢީ ކޯޓެއްގެ ލީގަލް މަޤާމެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ހުންނަންޖެހޭނެއެވެ.
ކުރިމަތިލާ ފަރާތްތަކަކީ މުސްލިމަކަށް ވާންޖެހޭއިރު، ޢުމުރުން 25 އަހަރު ފުރިފައިވާ މީހަކަށް ވާންޖެހޭނެއެވެ. ޤާނޫނުލްޢުޤޫބާތުގެ ދަށުން ކުށެއް ސާބިތުވެ، ނުވަތަ ބަދުއަޚްލާޤީ ޢަމަލެއް ހިންގި ކަމަށް، ނުވަތަ ޓެރަރިޒަމްގެ ކުށެއް ކުރިކަމަށް ޙުކުމްކުރެވި، އެ ޙުކުމް ވޭތުވެދިޔަ 7 އަހަރު ތެރޭގައި ތަންފީޛުކޮށް ނިމިފައިވާ މީހަކަށް ވެގެންނުވާނެއެވެ. ސާބިތު ދަރަންޏެއް އޮތްނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހަކަށް ވާންޖެހޭނެއެވެ.
ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވަތަ ސިޔާސީ ޕާޓީއެއްގައި ޙަރަކާތްތެރިވާ މީހަކަށް ވެގެންނުވާނެއެވެ. އަދި ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކޮށްފައިވާ ނުވަތަ ޢައްޔަންކޮށްފައިވާ ސިޔާސީ މަޤާމެއް ފުރަމުންދާ މީހަކަށްވެސް ވެގެންނުވާނެ ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.
މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ އޮގަސްޓު 28، 2025 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށެވެ. މަޤާމުތަކަށް މީހުން ނެގުމުގައި ޢަމަލުކުރާނީ "ދިވެހިރާއްޖޭގެ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަނުކުރުމުގައި ޢަމަލުކުރާނެ ގަވާއިދު" ގައިވާ ގޮތުގެމަތީން ކަމަށް ޖޭއެސްސީން ހާމަކޮށްފައިވެއެވެ.
އިސް މެޖިސްޓްރޭޓުންގެ މަޤާމަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ ގޮތުގައި 26,350 ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން ލިވިންގ އެލަވަންސްގެ ގޮތުގައި 12,000 ރުފިޔާ އާއި ރިސްކް އެލަވަންސްގެ ގޮތުގައި 1,650 ރުފިޔާ ލިބޭނެއެވެ. ފަނޑިޔާރުންގެ ޤާނޫނުގެ ދަށުން، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން ހެލްތު އިންޝުއަރެންސާއި ފޯނު އެލަވަންސްވެސް ލިބިދެވޭނެ ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ