އުކުޅަހުގައި ޕޮލިސް ޕޯސްޓެއް ގާއިމުކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފި

އުކުޅަހުގައި ޕޮލިސް ޕޯސްޓެއް ގާއިމުކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފި

Author
ހުސައިން
21 އޮގަސްޓް 2025 10:46
0

އއ. އުކުޅަހުގައި ޕޮލިސް ޕޯސްޓެއް ގާއިމުކުރުމުގެ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި ޕޯސްޓުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ކުރިޔަށް ގެންދެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މިހާރު އެރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މި މަޝްރޫއުގެ ބިންގާ އެޅުމުގައި ހޯމް މިނިސްޓަރު އަލީ އިހްސާނާއި، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީނާއި، އުކުޅަސް ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހިމް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން އެމްޓީސީސީގެ މެނޭޖިންގ ޑައިރެކްޓަރު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަހްމަދު ސައުދީގެ އިތުރުން ސަރުކާރުގެ އެހެނިހެން އިސް ބޭފުޅުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފިއެވެ.

1185 މީހުންގެ އާބާދީއެއް ދިރިއުޅޭ އުކުޅަހަކީ މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ރަށެކެވެ. ޚާއްސަކޮށް ގެސްޓްހައުސް ވިޔަފާރި ފުޅާދާއިރާއެއްގައި ކުރިއަރަމުން އަންނަ ރަށަކަށްވުމުން، މި ޕޮލިސް ޕޯސްޓް ގާއިމުވުމުން ރަށުގެ އަމަންއަމާންކަމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.

އެމްޓީސީސީއިން މަޢުލޫމާތު ދެއްވި ގޮތުގައި މި މަޝްރޫއުގެ ދަށުން 5200 އަކަފޫޓުގެ ބޮޑު ސަރަހައްދެއްގައި ޒަމާނީ ފެންވަރުގެ ޕޮލިސް އިމާރާތެއް ތަރައްޤީކުރެވޭނެއެވެ. މި އިމާރާތުގައި ކުށްވެރިން ބައިތިއްބުމަށް ޚާއްސަ ގޮޅިތަކެއް ވެސް ހިމެނޭނެއެވެ.

މަޝްރޫއުގެ މަސައްކަތްތަކުގެ ތެރޭގައި ބިން ތައްޔާރުކުރުމާއި، ކޮންކްރީޓް މަސައްކަތްތަކާއި، މޭޝަނަރީ މަސައްކަތްތައް ހިމެނެއެވެ. އަދި ޓައިލްސް ޖެހުމާއި، ދޮރުފަތާއި ކުޑަދޮރުތައް ހަރުކުރުމާއި، ކުލަލުމުގެ މަސައްކަތްތަކާއި، ދަގަނޑު މަސައްކަތްތައް ވެސް ކުރެވޭނެއެވެ. މީގެ އިތުރުން ހައިޑްރޯލިކް ނިޒާމާއި، ޑްރެއިނޭޖް ނިޒާމް ގާއިމުކުރުމާއި، ކަރަންޓު ވަޔަރުކުރުމުގެ މަސައްކަތްތައް ވެސް މި މަޝްރޫއުގައި ހިމެނިފައިވެއެވެ.

7.11 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކުރާ މި މަޝްރޫއު 240 ދުވަހުގެ މުއްދަތުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކުރެވިފައިވެއެވެ. މި ޕޮލިސް ޕޯސްޓް ގާއިމުވުމުން އުކުޅަހުގެ ރައްޔިތުންނަށް ލިބޭ ޚިދުމަތްތަކުގެ ފެންވަރު މަތިވެ، ރަށުގެ ތަރައްޤީއަށް އިތުރު ހަލުވިކަމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.