ރާއްޖޭގެ ލޯކަލް ޓޫރިޒަމް ސިނާއަތުގައި އިސްލާމް ދީނުގެ ހަމަތަކާއި އަދަބުތައް ހިފަހައްޓަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. މި ވާހަކަފުޅު ދެއްކެވީ އއ. އުކުޅަހަށް ކުރެއްވި ދަތުރުފުޅެއްގައި ރޭ އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވަމުންނެވެ.
އުކުޅަހަކީ ގިނަ އަދަދެއްގެ ގެސްޓްހައުސްތައް ހިންގަމުންދާ ރަށެއް ކަމަށް ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ޓޫރިޒަމް ވިޔަފާރި ކުރިއަށް ގެންދިއުމުގައި ގާނޫނީ އިންތަކުގެ ތެރޭގައި ހުރެ، އިސްލާމީ އުސޫލުތައް ދަމަހައްޓަންޖެހޭ ކަމަށެވެ. ރިސޯޓުތަކާއި ސަފާރީތަކުގައި ހުއްދަކޮށްފައި ހުންނަ ބައެއް ކަންތައްތައް ރަށްރަށުގެ ތެރޭގައި ކުރެވޭނެ ގޮތެއް ނެތް ކަމަށް އެމަނިކުފާނު ވަނީ ސާފުކޮށް ވިދާޅުވެފަ އެވެ.
ރައީސް ވިދާޅުވީ ގާނޫނުތަކުގެ ތެރެއިން ހަނު ފުރުސަތުތައް ހޯދައިގެން އިސްލާމް ދީން ހުއްދަ ނުކުރާ ކަންކަމުގެ ތެރެއަށް ވަދެ މުއްސަނދިކަން ހޯދުމަކީ އަމިއްލަ ނަފްސާއި ދަރިންގެ މުސްތަގުބަލު ތަބާހުކުރުން ކަމަށެވެ. އަދި އިސްލާމީ ހަމަތަކުގެ މަތިން މުއްސަނދިކަން ހޯދާ ފަރާތްތަކަށް އަﷲ ސުބްހާނަހޫ ވަތައާލާ ބަރަކާތް ލައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އުކުޅަހުގެ ކުޑަކުދިންގެ ފަރާތުން ލިބިފައިވާ ޝަކުވާއެއް ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ، ރަށުގެ ކުދިން ބީޗަށް ދާން ބޭނުންވާއިރު ގެސްޓުން އައްޗި ހެދުން ލައިގެން ބީޗުގައާއި ރެސްޓޯރެންޓުތަކުގައާއި މަގުމަތީގައި އުޅުމުން ދިމާވާ ދަތިތަކުގެ ވާހަކަ އެވެ. މިފަދަ ހާލަތްތަކުގައި ރަށުގެ ރައްޔިތުންގެ ސަގާފަތާއި އަދަބުތަކަށް އިހްތިރާމްކުރަންޖެހޭ ކަމަށް އެމަނިކުފާނު ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.
މީގެ އިތުރުން ބައެއް ރަށްރަށުގައި ކުރަމުންދާ ގާނޫނާ ހިލާފު އަމަލުތަކުގެ ވާހަކަ ވެސް ރައީސް ފާހަގަކުރެއްވި އެވެ. އެގޮތުން ރަށުގެ އިހުތިސޯސް ބޭރުގައި ސަފާރީ ބާއްވައިގެން ސިއްރުން ގެސްޓުން ގެންގޮސް ރާ ވިއްކުމުގެ އަމަލުތައް ހިންގަމުންދާ ކަމަށާއި، މިފަދަ ކަންތައްތައް އއ. އަތޮޅުގެ އިތުރުން އެހެން އަތޮޅުތަކުގައި ވެސް ހިނގަމުންދާ ކަމަށް ވިދާޅުވި އެވެ.
ލޯކަލް ޓޫރިޒަމް ސިނާއަތުގައި އިސްލާމީ އިންތަކާއި ދިވެހި ސަގާފަތް ދަމަހައްޓަމުން އިގްތިސޯދީ ކުރިއެރުން ހޯދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި ރައީސް ވަނީ ގޮވާލައްވާފަ އެވެ.
ކޮމެންޓު ފޮނުވާ