މާލޭގެ މެދުތެރޭގައި އޮންނަ ތާރީޚީ ސަލްޓަން ޕާކު އަލުން ތަރައްގީކުރުމުގެ މަސައްކަތް ފެށުމާ ގުޅިގެން މިއަދުން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށް އާންމުންނަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފިއެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ނެރުނު އިއުލާނުގައި ވަނީ، ޕާކު އަލުން ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށާއި، މި މުއްދަތުގައި އާންމުންނަށް ޕާކަށް ވަނުމަށް ހުރަސްއެޅޭނެ ކަމަށެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން ޕާކުގެ ބައެއް ސަރަހައްދުތައް ވަނީ މަރާމާތުކުރުމުގެ ނަމުގައި އާންމުންނަށް ބަންދުކޮށްފައެވެ.
މާލެ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި މި ޕާކު، ރަނގަޅަށް ބެލެހެއްޓިފައި ނުވުމުގެ ސަބަބުން މިހާރު އޮތީ ވަރަށް ބޮޑަށް ވީރާނާވެފައެވެ. ބިޔަ ގަސްތަކާއި ފެހި މާހައުލެއް އޮތް ތަނެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ސަލްޓަން ޕާކުގެ ގިނަ ސަރަހައްދުތަކެއް މިހާރު ވަނީ ބޭނުން ނުކުރެވޭ ހާލަތަކަށް ގޮސްފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، ސަލްޓަން ޕާކު އަލުން ތަރައްގީކުރާއިރު ދިވެހިންގެ އައިޑެންޓިޓީ އާއި ރާއްޖޭގެ ތާރީޚު ފާހަގަކުރެވޭ ގޮތަށް ޑިޒައިން ކުރާނެ ކަމަށެވެ. އަދި އެއް ގަހުން އަނެއް ގަހަށް ހިނގައިގެން ދެވޭ ގޮތަށް ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް އުފާވެރި މާހައުލެއް ގާއިމުކުރާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ޕާކުގައި ކުޑަކުދިންނާއި ޒުވާނުންނަށް ގިނަ ކުޅިވަރުތަކެއް ކުޅެވޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ. މި މަޝްރޫއު ނިމުމުން ސަލްޓަން ޕާކަކީ ރައްޔިތުންނަށް ހިތްހަމަޖެހުން ލިބޭ، ޢާއިލާތަކާ އެކު ވަގުތު ހޭދަކުރެވޭ ތަނަކަށް ވާނެ ކަމަށް އުންމީދުކުރެވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ސަލްޓަން ޕާކު މިހާރު އޮތް ގޮތަށް ތަރައްގީކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހައުސިން މިނިސްޓަރުކަމުގައި ރައީސް މުއިއްޒު ހުންނެވި އިރުއެވެ. އޭރު ސްނޯ ޕާކެއް ވެސް ގާއިމުކޮށްފައި ވީނަމަވެސް، ފަހުން އެތަން ވަނީ ބަންދުކޮށްފައެވެ.
ކޮމެންޓު ފޮނުވާ