ގެސްޓްހައުސްތަކުގައި 3 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފި

ގެސްޓްހައުސްތަކުގައި 3 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފި

Author
ހުސައިން
20 އޮގަސްޓް 2025 11:06
0

މިއަހަރުގެ ފުރަތަމަ މަސްތަކުގައި ރާއްޖޭގެ ގެސްޓްހައުސްތަކުގައި 309,490 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ގެސްޓްހައުސް ވިޔަފާރި ކުރިއަރަމުންދާކަމުގެ ހެއްކެކެވެ.

ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ ޖުމްލަ 1,416,141 ފަތުރުވެރިންނެވެ. މިއީ ފާއިތުވި އަހަރުގެ މިމުއްދަތާ އަޅާބަލާއިރު 9.1 އިންސައްތަ އިތުރުވެފައިވާ އަދަދެކެވެ. 2024 ވަނަ އަހަރުގެ މިމުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1,298,289 ފަތުރުވެރިންނެވެ.

ފަތުރުވެރިން ތިބޭ ތަންތަނަށް ބަލާއިރު، އެންމެ ގިނަ އަދަދެއް ވަނީ ރިސޯޓުތަކުގައި ޗުއްޓީ ހޭދަކޮށްފައެވެ. ރިސޯޓުތަކުގައި 1,039,352 ފަތުރުވެރިން ތިބިއިރު، ގެސްޓްހައުސްތަކުގައި 309,490 ފަތުރުވެރިން ތިބިކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. ހޮޓެލްތަކުގައި 37,282 ފަތުރުވެރިން ތިބިއިރު، ސަފާރީތަކުގައި 29,018 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެއެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 218,268 ފަތުރުވެރިން އައިސްފައިވާއިރު، ރަޝިއާއިން 168,288 ފަތުރުވެރިން އައިސްފައިވެއެވެ. އިނގިރޭސިވިލާތުން 129,792 ފަތުރުވެރިން، އިޓަލީވިލާތުން 102,053 ފަތުރުވެރިން އަދި ޖަރުމަނުވިލާތުން 97,534 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

ސަރުކާރުން ގެސްޓްހައުސް ވިޔަފާރި މުޅި ރާއްޖެއަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން މިހާރު ރާއްޖޭގެ 20 އަތޮޅެއްގައި 891 ގެސްޓްހައުސް އޮޕަރޭޓުކުރަމުންދެއެވެ. މި ގެސްޓްހައުސްތަކުގައި ޖުމްލަ 15,284 އެނދު ހުރިއިރު، މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހުރި މުޅި އެނދުތަކުގެ 24 އިންސައްތައެވެ.

ފާއިތުވި އަހަރު ރާއްޖެއަށް 2 މިލިޔަން ފަތުރުވެރިން އައިސްފައިވާއިރު، މިއަހަރު ނިމުމުގެ ކުރިން 2.3 މިލިޔަން ފަތުރުވެރިން ގެނައުމަކީ ސަރުކާރުގެ އަމާޒެވެ. މި ލަނޑުދަނޑި ހާސިލްކުރުމަށްޓަކައި ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއެރުވުމަށް ސަރުކާރުން ވަނީ އެކި ފަންތީގެ މަސައްކަތްތަކެއް ފަށާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.