ރައްޔިތުންގެ މަޖިލީހަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ނަމުގައި ހުށަހެޅިފައިވާ ބިލަކީ ރާއްޖޭގެ މީޑިއާ ދާއިރާ ބާރުވެރިކުރުމަށް ތައްޔާރުކޮށްފައިވާ ބިލެއް ކަމުގައި ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލް ޙަންނާން އަބޫބަކުރު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނާއި ނޫސްވެރިންގެ ޖަމުޢިއްޔާތަކުން މި ބިލާމެދު ކަންބޮޑުވުން ފާޅުކުރަމުން އަންނަ ނަމަވެސް، މެންބަރު ޙަންނާން މިއަދު ވިދާޅުވީ މަޖިލީހުގައި ތިއްބެވި ހުރިހާ ސިޔާސީ ޕާޓީތަކުގެ މެންބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެންބަރުންގެ ތާއީދު ލިބޭނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.
މި ބިލުގެ އެންމެ މުހިންމު ބަދަލެއްކަމަށް ޙަންނާން ފާހަގަކުރެއްވީ މީޑިއާ ރެގިއުލޭޓް ކުރާ ކޮމިޝަންގައި ނޫސްވެރިންނަށް މެޖޯރިޓީ ލިބިދިނުމެވެ. "މިހާރު ބްރޯޑްކާސްޓް ކޮމިޝަންގައި ތިއްބަވަނީ ރައީސުލްޖުމްހޫރިއްޔާ ނަން ފޮނުއްވައިގެން މަޖިލީހުން ރުހުންދޭ މެންބަރުން. އެކަމަކު އަލަށް ހުށަހެޅި ބިލުގައި ކޮމިޝަންގެ ހަތް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުން އިންތިޚާބުކުރާނީ މީޑިއާތަކުން،" އޭނާ ވިދާޅުވިއެވެ.
މި ބިލުގައި މީޑިއާތަކަށް ފުރިހަމަ ބާރާއި އިމްތިޔާޒުތައް ލިބިދީފައިވާ ކަމަށާއި، ތެދު ޚަބަރު ފަތުރުމަށް މަގުފަހިކޮށްދީފައިވާ ކަމަށް ޙަންނާން ވިދާޅުވިއެވެ. އަދި ދައުލަތުގެ ހަތަރުވަނަ ބާރުގެ ގޮތުގައި މީޑިއާއަށް ހަރުދަނާކަމާއެކު މަސައްކަތްކުރެވޭނެ މާޙައުލެއް ޤާއިމުކޮށްދޭނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މިހާރުގެ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓް ކޮމިޝަނަކީ ބޮޑެތި ޚަރަދުތަކެއް ހިނގާ، ބާރެއް ނެތް ދެ މުއައްސަސާ ކަމަށް ފާޑުކިޔުންތައް އުފެދިފައިވާތީ، މި ބިލުން އެ މައްސަލަތަކަށް ޙައްލު ހޯދައިދޭނެ ކަމަށް ޙަންނާން ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މި ބިލުން ދައުލަތުން މީޑިއާ ރެގިއުލޭޓް ކުރުމަށް ހިނގާ ޚަރަދު ކުޑަވެ، މީޑިއާގެ ބަސް ވިކޭ، ބާރު ހުރި މުއައްސަސާއެއް އުފެދިގެންދާނެއެވެ.
ކޮމެންޓު ފޮނުވާ