އޭ-ލެވެލް ކިޔެވުމުގެ ފުރުޞަތު ގިނަ ދަރިވަރުންނަށް ހުޅުވާލުމުގެ ގޮތުން އެޑިޔުކޭޝަން މިނިސްޓްރީން ގްރޭޑް 11 އަދި 12 އަށް ދަރިވަރުން ވައްދާނެ ޝަރުޠުތައް ލުއިކޮށް އުސޫލުތައް ބަދަލުކޮށްފި އެވެ.
މިނިސްޓްރީން ސްކޫލުތަކަށް ފޮނުވި ސާކިއުލާގައި ބުނެފައިވަނީ އޭ-ލެވެލް ތަޢުލީމަށް ދަރިވަރުންނަށް ކުރިއަށްދެވޭނެ ތިން މަގު ހުޅުވާލާފައިވާ ކަމަށެވެ. މި ތިން މަގަކީ އެކަޑަމިކް ސްޓްރީމްތަކާއި، ސްކޫލުތަކުގައި ހިންގާ ވޮކޭޝަނަލް ކޯސްތަކާއި، މަސައްކަތުގެ މާޙައުލުގައި ތަމްރީނުވެވޭ އެޕްރެންޓިސްޝިޕް ޕްރޮގްރާމެވެ.
އެކަޑަމިކް ސްޓްރީމްތަކަށް ވަންނަން ބޭނުންވާ ދަރިވަރުންގެ ތެރެއިން ދިވެހި ނުވަތަ އިސްލާމް މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބި، ސްޓްރީމް ދެ މާއްދާއަކުން "ސީ" ފާސްވާންޖެހޭނެ އެވެ. މީގެ އިތުރުން ހިސާބު ނުވަތަ އިނގިރޭސިން "ސީ" ގްރޭޑް ލިބޭ ދަރިވަރުންނަށް ވެސް، ސްޓްރީމް މާއްދާތަކުން ބޭނުންވާ ނަތީޖާ ޙާޞިލުކުރެވިއްޖެނަމަ މި ފުރުޞަތު ލިބޭނެ އެވެ.
އިންޑިވިޖުއަލް ކަރިކިއުލަމް ޕްލޭންގެ ދަށުން ސާނަވީ އިމްތިޙާނު ފުރިހަމަކުރާ ދަރިވަރުންނަށް ވެސް، އިމްތިޙާނުގައި ބައިވެރިވި މާއްދާތަކުގެ ތެރެއިން ދެ މާއްދާއަކުން "ސީ" ފާސްވެއްޖެނަމަ އޭ-ލެވެލް ކިޔެވުމުގެ ފުރުޞަތު ލިބޭނެ އެވެ.
ޕިއާސަން ބީޓެކް އިންޓަރނޭޝަނަލް ލެވެލް 3 ޑިޕްލޮމާ ކޯސްތަކާއި ޓިވެކް ކޯސްތަކަށް ވަދެވޭނީ، ލެވެލް 2 ޑިޕްލޮމާ ނުވަތަ ސްކޫލް ޓިވެކް ކޯހަކުން ފާސްވެފައިވާ ދަރިވަރުންނާއި، އައިޖީސީއެސްސީ ނުވަތަ އޯ-ލެވެލް އިމްތިޙާނުން ތިން މާއްދާއަކުން "ސީ" ފާސް ލިބިފައިވާ ދަރިވަރުންނަށެވެ.
މަސައްކަތުގެ މާޙައުލުގައި ކިޔެވޭ އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް ވަންނަން ބޭނުންވާ ދަރިވަރުންނަށް މިހާރު ކަނޑައަޅާފައިވާ ޝަރުޠުތަކަކީ ވަރަށް ލުއި ޝަރުޠުތަކެކެވެ. ލެވެލް 2 ޑިޕްލޮމާއަކުން ފާސްވުމާއެކު ނުވަތަ އޯ-ލެވެލް އިމްތިޙާނުން އެންމެ މާއްދާއަކުން "ސީ" ފާސް ލިބިފައިވާނަމަ މި ޕްރޮގްރާމުގައި ބައިވެރިވެވޭނެ އެވެ.
މިނިސްޓްރީން ހާމަކުރި ގޮތުގައި، އޭ-ލެވެލް ކިޔެވުމުގެ ފުރުޞަތު ދިނުމުގައި ބަލާނީ އެސްއެސްސީ، އައިޖީސީއެސްއީ، އޯ-ލެވެލް އަދި ބީޓެކް އިމްތިޙާނުތަކުގެ ނަތީޖާތަކަށެވެ. މި ފުރުޞަތު ލިބޭނީ މި އަހަރުގެ ޑިސެމްބަރު 31 ވަނަ ދުވަހު 18 އަހަރު ނުފުރޭ ދަރިވަރުންނަށް އެކަންޏެވެ.
އަތޮޅުތެރޭގެ ސްކޫލުތަކުގައި އޭ-ލެވެލް ކިޔަވައިދޭ ތަންތަނުގައި ޖާގަ ހުރިނަމަ، ޝަރުޠު ފުރިހަމަ ނުވާ ދަރިވަރުންނަށް ވެސް މިނިސްޓްރީގެ ޚާއްޞަ ހުއްދައާއެކު ކިޔެވުމުގެ ފުރުޞަތު ދެވޭނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ. މިއީ ސަރުކާރުން އޭ-ލެވެލް ކިޔަވާ ދަރިވަރުންގެ އަދަދު އިތުރުކުރުމަށް އަޅާ މުހިންމު ފިޔަވަޅެކެވެ.
ކޮމެންޓު ފޮނުވާ