ދިވެހި ފުލުހުންގެ ކަނޑުމަތީގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން ޖަޕާން ސަރުކާރުން ފަސް ލޯންޗް ހަދިޔާކޮށްފިއެވެ. މި ލޯންޗްތައް ރަސްމީކޮށް ހަވާލުކުރެވުނީ މިއަދު ދޫނިދޫގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
ރަސްމިއްޔާތުގައި ފުލުހުންގެ ފަރާތުން ލޯންޗްތައް ބަލައިގަތީ ޕޮލިސް ކޮމިޝަނަރު އިސްމާޢީލް ނަވީންއެވެ. ޖަޕާނުގެ ފަރާތުން މި ހަދިޔާ ހަވާލުކޮށްދެއްވީ ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޖަޕާނުގެ ސަފީރު އިޝިގާމީ ރުމިކޯއެވެ.
ޕޮލިސް ކޮމިޝަނަރު ނަވީން ވިދާޅުވީ، މި ލޯންޗްތަކުގެ ސަބަބުން ކަނޑުމަތީގައި ގާނޫނު ތަންފީޒުކުރުމުގެ ފުލުހުންގެ ގާބިލުކަން ބޮޑަށް އިތުރުވެގެންދާނެ ކަމަށެވެ. އަދި ރަށްރަށުގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ކުއްލި ހާލަތްތަކުގައި އަވަސް ޚިދުމަތް ފޯރުކޮށްދިނުމުގެ ފުލުހުންގެ ގާބިލުކަން މިހާރަށްވުރެ ރަނގަޅުވެގެންދާނެ ކަމަށް ވެސް ފާހަގަކުރެއްވިއެވެ. ނަވީން ވަނީ ޖަޕާން ސަރުކާރުން ފުލުހުންނަށް މިހާތަނަށް ދެއްވާފައިވާ އެކި ގޮތްގޮތުން އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.
ޖަޕާން ސަރުކާރުން ދިވެހި ފުލުހުންނަށް ދެމުންދާ އެހީތެރިކަން ފުޅާވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. ފާއިތުވި އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހު ޖަޕާން ސަރުކާރުން 54 ކާރާއި 4 ވޭނު ފުލުހުންނަށް ހަދިޔާކޮށްފައިވެއެވެ. މީގެ އިތުރުން މަސްތުވާތަކެތި ދެނެގަތުމަށް ބޭނުންކުރާ ޑްރަގް ފީލްޑް ޓެސްޓު ކިޓް، ޕްރިކާސާ ފީލްޑް ޓެސްޓު ކިޓް، އަދި ރަމަން ހޭންޑްހެލްޑް ފީލްޑް އައިޑެންޓިފިކޭޝަން ކިޓް ފަދަ ޚާއްޞަ ސާމާނުތަކާއި އެހެނިހެން މުހިންމު ތަކެތި ވެސް ޖަޕާނުން ހަދިޔާކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ