ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން އިންޑިއާގެ ބާޒާރަށް ޚާއްޞަކޮށްގެން "ފްރޮމް ތިރަންގާ ޓު ޓާކޮއިސް" ގެ ނަމުގައި ކެމްޕޭނެއް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް އެ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ. މި ކެމްޕޭނުގެ މައިގަނޑު މަޤްޞަދަކީ މި އަހަރު ނިމުމުގެ ކުރިން އިންޑިއާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 200,000 އަށް އިތުރުކުރުމެވެ.
މި ކެމްޕޭނުގައި ހިމެނޭ ޚާއްޞަ ޕްރޮގްރާމްތަކުގެ ތެރޭގައި އިންޑިއާގެ މަޝްހޫރު އިންފްލުއެންސަރުންނާ ގުޅިގެން ކުރާ މަސައްކަތްތަކާއި، މީޑިއާ ދާއިރާގެ ފަރާތްތަކަށް ރާއްޖެ ދައްކާލުމަށް ރާވާފައިވާ ޚާއްޞަ ދަތުރުތަކާއި، އިންޑިއާގެ ބޮޑެތި ނޫސް މަޖައްލާތަކުގައި ރާއްޖެއާ ބެހޭ ލިޔުންތައް ޝާއިޢުކުރުން ހިމެނެއެވެ. މީގެ އިތުރުން އިންޑިއާގެ ތިން ބޮޑު ސިޓީގައި އެއާލައިންތަކާއި، މީޑިއާ ޕާޓްނަރުންނާއި، ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކާ ބައްދަލުކޮށް ރޯޑް ޝޯ ބޭއްވުމަށް ވެސް ހަމަޖެހިފައިވެއެވެ.
ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވި ގޮތުގައި، އިންޑިއާއަކީ ރާއްޖެއާ އެންމެ ގާތް އަވަށްޓެރި ޤައުމު ކަމަށާއި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމަކީ ސަގާފީ ގޮތުންނާއި އިތުބާރުގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ ގުޅުމެއް ކަމަށެވެ. އޭނާ އުއްމީދުކުރައްވާ ގޮތުގައި މި އާ ކެމްޕޭނުގެ ސަބަބުން އިންޑިއާ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ފޮނުވާ ހަތަރު ޤައުމުގެ ތެރެއަށް ވަދެގަންނާނެއެވެ.
މިހާރު އިންޑިއާ އޮތީ ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން އަންނަ 10 ޤައުމުގެ ލިސްޓުގައި 6 ވަނަ މަޤާމުގައެވެ. މި އަހަރުގެ މިހާތަނަށް އެ ޤައުމުން 79,972 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މި އަދަދު އިތުރުކުރުމަކީ މި ކެމްޕޭނުގެ މައިގަނޑު ލަނޑުދަނޑިއެވެ. ފާހަގަކޮށްލެވޭ ކަމަކީ 2023 ވަނަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ އިންޑިއާއިން ކަމެވެ.
ފާއިތުވި ދުވަސްތަކުގައި އިންޑިއާގެ ފިލްމީ ދުނިޔޭގެ މަޝްހޫރު ތަރިންނާއި އެ ޤައުމުގެ ނުފޫޒު ގަދަ ޝަޚްޞިއްޔަތުތައް ރާއްޖެއަށް ޒިޔާރަތްކުރަމުން އަންނަ މިންވަރު އިތުރުވެފައިވާކަން ފާހަގަކުރެވޭއިރު، މިކަމުން ވެސް އިންޑިއާ ބާޒާރުގައި ރާއްޖެއަށް ލިބޭ ޕްރޮމޯޝަން އިތުރުވާނެ ކަމަށް ބެލެވެއެވެ.
ކޮމެންޓު ފޮނުވާ