ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ރަސްމާލެ ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން އިތުރު ސަރަޙައްދުތައް ހިއްކުމުގެ މަސައްކަތް މި ހަފްތާގެ ތެރޭގައި ފެށުމަށް ތައްޔާރުވެފައިވާ ކަމަށް އެޗްޑީސީން ހާމަކޮށްފިއެވެ.
ޗައިނާގެ ހާބަރ އިންޖިނިއަރިން ކުންފުންޏުން ރަސްމާލޭގެ ސައިޓް "ސީ" އާއި "އީ" އިން 265 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މި މަސައްކަތަށް ބޭނުންވާ ޑްރެޖަރ ރާއްޖެ އައިސް، ސައިޓް މޮބިލައިޒްކޮށް ބަނޑު ޖެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއްވައެވެ.
1153 ހެކްޓަރުގެ ފުށި ދިއްގަރު ފަޅުން 1009 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގެ ދަށުން މިހާތަނަށް 129.60 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވެއެވެ. މިއީ މުޅި މަޝްރޫޢުގެ 12.84 ޕަސެންޓެވެ. މިހާރު ހިއްކާފައިވާ ސަރަޙައްދަކީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހިހާ ބޮޑު ސަރަޙައްދެކެވެ.
ބިން ހިއްކުމުގެ މަސައްކަތް އަވަސްކުރުމަށްޓަކައި މި މަހުގެ ތެރޭގައި ޗައިނާގެ ހާބަރ އިންޖިނިއަރިން ކުންފުންޏާ މަސައްކަތް ހަވާލުކޮށްފައިވާއިރު، މީގެ ކުރިން މި މަސައްކަތް ކުރަމުން އައީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީއާއި މޯހަން މުތާ އެކްސްޕޯޓްސްއިންނެވެ.
ސައިޓް "ޖޭ" ގެ 29 ހެކްޓަރުގެ ބިން ހިއްކާ ނިމުމާއެކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށާއި، ސައިޓް "ޑީ، އެފް، ޖީ، އެލް" އިން 394 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު 100.60 ހެކްޓަރު ހިއްކާ ނިމިފައިވާ ކަމަށް އެޗްޑީސީން މަޢުލޫމާތު ދެއްވިއެވެ. ސައިޓް "އޭ، ބީ، އެޗް، އައި" އިން 321 ހެކްޓަރުގެ ބިން ހިއްކުމަށްވެސް ހަމަޖެހިފައިވެއެވެ.
ރަސްމާލެ މުޅިން ހިއްކާ ނިމުމުން ހުޅުމާލޭގެ ތިން ފިޔަވަހިހާ ބޮޑުވާނެ ކަމަށާއި، ހުޅުމާލެއަށްވުރެ 2.5 މީޓަރު އުސްކޮށް ހިއްކާ ކަމަށް އެޗްޑީސީން ވިދާޅުވިއެވެ. ބިން ހިއްކުމަށް 42 މިލިޔަން ކިއުބިކް މީޓަރުގެ ވެލި ބޭނުންވާއިރު، މި ވެލި ނަގަނީ މާލެ ސަރަޙައްދުގެ އެކި ތަންތަނުންނެވެ.
ހިއްކާ ސަރަޙައްދުތަކުގައި ހުރި 21000 އަށްވުރެ ގިނަ މުރަކަ ރައްކާތެރިކަމާއެކު އެހެން ސަރަޙައްދުތަކަށް ގެންގޮސް މުރަކައާލާކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް އެޗްޑީސީން ފާހަގަކުރިއެވެ.
ރަސްމާލެ މަޝްރޫޢުގެ ދަށުން 65000 ގެދޮރު ބިނާކުރުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ 15000 ހައުސިންގ ޔުނިޓުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފައިވެއެވެ. އިންޑިޔާ ކަނޑުގައި ތަރައްޤީކުރާ ފުރަތަމަ ޒީރޯ ކާބަން ސިޓީގެ ގޮތުގައި ރަސްމާލެ ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ކަމަށާއި، ޓެކްނޮލޮޖީއާއި ތިމާވެއްޓާ ރައްޓެހި އީޖާދީ ބަދަލުތައް ރާއްޖެއަށް ތަޢާރަފުވާނެ މަޝްރޫޢެއް ކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ކޮމެންޓު ފޮނުވާ