ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށްދިޔަ ޖަލްސާ ކަރަންޓު ކެނޑުމުގެ ސަބަބުން މެދުކަނޑާލަން ޖެހިފައިވެއެވެ. ކަރަންޓު މައްސަލަ ދިމާވީ މެމްބަރުން އިންޝުއަރެންސް ބިލަށް މެމްބަރުން ވާހަކަފުޅު ދައްކަވަމުން ގެންދަވަނިކޮށެވެ.
މިއަދުގެ ޖަލްސާގައި ސިވިލް ސާވިސް ކޮމިޝަނަށް ކުރިމަތިލާފައިވާ 6 ކެންޑިޑޭޓުންގެ ނަންތައް ދިރާސާކުރުމަށް ކަމާބެހޭ ކޮމިޓީއަށް ފޮނުވުމުގެ މަސައްކަތް ކުރިއަށް ގެންދެވުނެވެ. މީގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަނަށް ދެ މެމްބަރުން އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މައްސަލަ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހެޅުނެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައިވަނީ ކަރަންޓުގެ މައްސަލަ ހައްލުވުމުން 9:45 ގައި ޖަލްސާ އަލުން ފެށޭނެ ކަމަށެވެ. މަޖިލީހުގެ މުހިންމު މަސައްކަތްތަކެއް ކުރިއަށް ގެންދަން ހަމަޖެހިފައި އޮތުމުން، ކަރަންޓުގެ މައްސަލަ އަވަހަށް ހައްލުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް މަޖިލީހުގެ އިދާރާއިން މަޢުލޫމާތު ދީފައިވެއެވެ.
ކޮމެންޓު ފޮނުވާ