ބޮޑުތަކުރުފާނު މަގު މަރާމާތު ކުރުމަށް 57 ދުވަހަށް މަގުގެ ބައެއް ބަންދުކުރަނީ

ބޮޑުތަކުރުފާނު މަގު މަރާމާތު ކުރުމަށް 57 ދުވަހަށް މަގުގެ ބައެއް ބަންދުކުރަނީ

Author
އަހުމަދު
18 އޮގަސްޓް 2025 10:10
0

މާލޭގެ ބޮޑުތަކުރުފާނު މަގު ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ކުރުމަށްޓަކައި މާދަމާއިން ފެށިގެން އޮކްޓޯބަރު 13 ގެ ނިޔަލަށް، 57 ދުވަހުގެ މުއްދަތަކަށް މަގުގެ ބައެއް ބަންދުކުރުމަށް ސިޓީ ކައުންސިލުން ނިންމައިފިއެވެ. ބަންދުކުރާ ސަރަހައްދަކީ ޖުމްހޫރީ މައިދާނާ ގާތު ހިސާބުން ފެށިގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަދި ބޭންކް އޮފް މޯލްޑިވްސް ހުންނަ ސަރަހައްދާ ހަމައަށް ދިގުމިނުގައި ހިމެނޭ މަގުގެ އެއްފަޅެވެ.

މި މަސައްކަތުގެ ސަބަބުން އެއްގަމު އުޅަނދުފަހަރު ދުއްވާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށްޓަކައި ކައުންސިލުން މަޢާފަށް އެދިފައިވާއިރު، އުޅަނދު ދުއްވާ އެންމެހައި ފަރާތްތަކުން ސަމާލުކަން ދިނުމަށް ވެސް އިލްތިމާސް ކޮށްފައިވެއެވެ. ކައުންސިލުން އާންމުކޮށްފައިވާ ޗާޓެއްގައި ބަންދުކުރާ ސަރަހައްދުތައް ސާފުކޮށް އަންގައިދީފައިވާއިރު، ރީނދޫ ކުލައިން ފާހަގަކޮށްފައިވާ ސަރަހައްދަކީ ޓްރެފިކް ބާރުބޮޑުވާ ވަގުތުތަކުގައި އެކަނި ބަންދުކުރާނެ ހިސާބެއް ކަމަށް ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން އެމްއެމްއޭ ކައިރީގައި ހުންނަ ފަޅު ވެސް މި މުއްދަތުގައި ބަންދުކުރާނެ އެވެ. މި ފަޅަކީ ކޮންމެ ދުވަހަކު ވެސް ގިނަ އަދަދެއްގެ ދޯނިފަހަރު އަޅާ ތަނަކަށް ވުމުގެ އިތުރުން، މާލެ އަތޮޅުގެ ރަށްތަކުން މީހުން ގެންނަ ފެރީތައް ގާތްކުރާ މުހިންމު ސަރަހައްދެކެވެ. އެހެންކަމުން މި ސަރަހައްދުގައި އާންމުކޮށް ވެސް ޓްރެފިކް ޖަމާވެ، ދަތުރުފަތުރު ކުރުމަށް އުނދަގޫތަކާ ކުރިމަތިލާން ޖެހެއެވެ.

މާލޭގެ މަގުތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ތެރެއިން ރަށުގެ ވަށައިގެން ހުންނަ ބައެއް ސަރަހައްދުތަކުގައި ތާރު އަޅައި ނިމިފައިވާއިރު، އަދިވެސް ބައެއް ހިސާބުތަކުގައި ގާ އަތުރައިފައި އޮވެއެވެ. ނަމަވެސް މިދިޔަ އަހަރު ޒަމާނީ ފެންވަރަކަށް ހަދައި ނިންމި އަމީނީ މަގުގެ ތާރުގަނޑުގައި މިހާރު ވަނީ ތާރުގަޑު ތަންތަންގަޑަށް އުފުލި ހަލާކުވެފައެވެ. މިކަމުގެ ސަބަބުން އެ މަގުގައި ދުއްވާ އުޅަނދުފަހަރަށާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ނުރައްކާ ކުރިމަތިވަމުންދާތީ، ރައްޔިތުންގެ ކަންބޮޑުވުން އިތުރުވަމުން ދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.