މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު މަރުވެފައިވާތީ، އޭނާގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށް ނިންމާފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.
މަރުވެފައިވަނީ ގ. ޒަމީއާ، އުމުރުން 48 އަހަރުގެ އަޙުމަދު އަފްރާހެވެ. މަސްތުވާތަކެތީގެ މައްސަލައެއްގައި އޭނާ ހައްޔަރުކޮށް، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. ކްރިމިނަލް ކޯޓުން އިއްޔެ އޭނާގެ ބަންދު 30 ދުވަހަށް އިތުރުކޮށްފައިވެއެވެ.
ފުލުހުން ދިން މަޢުލޫމާތުގައި ބުނެފައިވަނީ، މިރޭ ފަތިހު 5:50 ގައި އަތޮޅުވެހީގެ 07 ނަންބަރު ގޮޅީގެ ތެރޭގައި އަފްރާހު އެއްވެސް ޙަރަކާތެއް ނެތި ވެއްޓިފައި ހުރިތަން ފެނިފައިވާ ކަމަށެވެ. އެވަގުތު އޭނާ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް، ހޮސްޕިޓަލަށް ގެންދިޔުއިރު އޭނާ މަރުވެފައިވާކަން ޑޮކްޓަރުން ކަށަވަރުކޮށްދިންކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާއާ ގުޅިގެން އަފްރާހުގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށް ނިންމާފައިވީ ނަމަވެސް، އޮޓޮޕްސީ ހަދާނެ ތާރީޚެއް އަދި ކަނޑައަޅާފައެއް ނުވާކަމަށް ފުލުހުން ބުންޏެވެ.
އަފްރާހު މަރުވި ގޮތް ބެލުމަށް ފުލުހުންގެ މޭޖަރ ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުޤީޤެއް ފަށާފައިވާކަމަށާއި، މި މައްސަލާގެ މަޢުލޫމާތު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އާ ހިއްސާކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.
ކޮމެންޓު ފޮނުވާ