ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒު އުފައްދަވައިފި

ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒު އުފައްދަވައިފި

Author
ހުސައިން
17 އޮގަސްޓް 2025 04:57
0

ދިވެހި ގައުމިއްޔަތު ދިރުވައި، ދިވެހިންގެ ތެރޭގައި ގައުމީ ވިސްނުން ބިނާކުރުމުގެ މަގުސަދުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހާއްސަ އިދާރާއެއް އުފައްދަވައިފިއެވެ. "ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒު" ގެ ނަމުގައި އުފައްދަވާފައިވާ މި އިދާރާ ހިންގަވާނީ ތަރިކައާ ބެހޭ މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ.

ރައީސް އޮފީހުން ވިދާޅުވީ، މި މަރުކަޒު ގާއިމުކުރެއްވީ "ދިވެހި ގައުމިއްޔަތު އާލާކުރުމުގެ ގައުމީ ނިޒާމު" ގެ ސިޔާސަތުގެ ދަށުން ކަމަށެވެ. މި ނިޒާމުގެ ތެރެއިން ދިވެހިބަސް، ތާރީޚު، ތަރިކަ އަދި އާދަކާދަތައް ހިމާޔަތްކޮށް ކުރިއެރުވުމުގެ އިތުރުން، ދިވެހިންގެ މެދުގައި ގައުމިއްޔަތުގެ ފުރިހަމަ އިލްމެއް އުފެއްދުމަށް މަސައްކަތް ކުރެވޭނެއެވެ.

އައު މަރުކަޒުން ކުރިއަށް ގެންދާނެ މުހިންމު މަސައްކަތްތަކުގެ ތެރޭގައި، ދިވެހިންވަންތަކަން ހަރުދަނާކޮށް، ގައުމަށް ހިދުމަތްކުރުމުގެ ޖަޒުބާ ދިވެހިންގެ ހިތްތަކުގައި ދިރުވުން ހިމެނެއެވެ. ހަމައެއާއެކު، ދިވެހިރާއްޖެއާއި ދިވެހި ގައުމިއްޔަތާ ބެހޭގޮތުން ބޭރު ބަސްބަހުން ލިޔެވިފައިވާ މުހިންމު ލިޔެކިޔުންތައް ދިވެހިބަހަށް ތަރުޖަމާކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދެވޭނެއެވެ.

މީގެ އިތުރުން، ދިވެހިރާއްޖެއާއި ދިވެހިންނާ ގުޅުންހުރި ޒަމާނުއްސުރެ ލިޔެވިފައިވާ އެވޭލާ ބަސްމަގުގެ ތާރީޚީ ލިޔެކިޔުންތައް މިހާރުގެ ބަސްމަގަށް ބަދަލުކޮށް، އާންމުންނަށް ފަސޭހައިން ކިޔަން ލިބޭނެ ގޮތް ހެދުމުގެ މަސައްކަތް ވެސް މި މަރުކަޒުން ކުރިއަށް ގެންދަވާނެ ކަމަށް ރައީސް އޮފީހުން ހާމަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.