މީގެ ދެ ދުވަސް ކުރިން ހައްޔަރުކުރެވުނު ފިރިހެނަކު މިއަދު ހެނދުނު ފުލުހުންގެ ބަންދުގައި ހުއްޓައި މަރުވެފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ބަންދުގައި ހުއްޓައި މަރުވެފައިވަނީ ގ. ޒާމިޔާ، އުމުރުން 48 އަހަރުގެ އަހުމަދު އަފްރާހެވެ. މި މަހުގެ 15 ވަނަ ދުވަހު ހައްޔަރުކުރެވުނު އަފްރާހު ބަންދުގައި ހުރީ އަތޮޅުވެހީގެ ހަތް ނަމްބަރު ގޮޅީގައެވެ.
ފުލުހުންގެ މައުލޫމާތުގައިވާ ގޮތުން، މިއަދު ހެނދުނު 05:50 ގައި އަފުރާހުގެ ހާލަތު ބެލިއިރު، އޭނާގެ ހަރަކާތްތައް ހުއްޓިފައިވާކަން ފާހަގަކުރެވުނެވެ. ވަގުތުން އައިޖީއެމްއެޗަށް ގެންދިޔަ ނަމަވެސް، ހޮސްޕިޓަލުން ކަށަވަރުކޮށްދިނީ އޭނާ މަރުވެފައިވާ ކަމެވެ.
މި ހާދިސާއާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އާއި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މައުލޫމާތު ހިއްސާކުރެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ. މީގެ އިތުރުން، ކަން ހިނގައިދިޔަ ގޮތުގެ އެތެރޭގެ ތަހުގީގެއް ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން ކުރިއަށް ގެންދާ ކަމަށާއި، މައްސަލަ ތަހުގީގު ކުރަމުން ގެންދަނީ މޭޖާ ކްރައިމް އިންވެސްޓިގޭޝަނުން ކަމަށް ފުލުހުން ހާމަކުރެއެވެ.
ދިވެހިރާއްޖޭގައި ފުލުހުންގެ ބަންދުގައި ތިބި މީހުން މަރުވުމަކީ މީގެ ކުރިން ވެސް ހިނގާފައިވާ ކަމެކެވެ. ފާއިތުވި އަހަރުގެ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހު، އަންހެނަކު ރަހީނު ކުރި މައްސަލައިގައި ހައްޔަރުކުރެވުނު އާދަމް އަތުހަރު ވަނީ ބަންދުގައި ހުއްޓައި މަރުވެފައެވެ. އޮޓޮޕްސީ ރިޕޯޓުގައި ބުނެފައިވަނީ އަތުހަރު މަރުވެފައިވަނީ ދަންޖެހިގެން ކަމަށެވެ.
ބަންދުގައި މަރުވާ މީހުންގެ އާއިލާތަކުން ގަބޫލު ނުކުރި ނަމަވެސް، އެފަދަ ހާލަތްތަކުގައި ޕޯސްޓްމޯޓަމް ހެދުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ.
ކޮމެންޓު ފޮނުވާ