ށ. އަތޮޅުގެ 4 ރަށަކަށް ކާނާގެ ރައްކާތެރިކަން އިތުރުކުރުމަށް 1159 ގަސް ފޯރުކޮށްދީފި

ށ. އަތޮޅުގެ 4 ރަށަކަށް ކާނާގެ ރައްކާތެރިކަން އިތުރުކުރުމަށް 1159 ގަސް ފޯރުކޮށްދީފި

Author
ހުސައިން
17 އޮގަސްޓް 2025 04:53
0

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ހިންގަމުންދާ ފުޑްސެކިއުރިޓީ ޕްރޮގްރާމްގެ ދަށުން ށ. އަތޮޅުގެ ހަތަރު ރަށަކަށް ކެއުމަށް ބޭނުންކުރާ ބާވަތްތަކުގެ 1159 ގަސް ފޯރުކޮށްދީފައިވާ ކަމަށް އެ ވުޒާރާއިން ހާމަކޮށްފިއެވެ.

މި މަހުގެ ތެރޭގައި ފުނަދޫ، ޅައިމަގު، ނަރުދޫ އަދި ބިލަތްފަހި އަށް ފޯރުކޮށްދީފައިވާ ގަސްތަކުގެ ތެރޭގައި ބަނބުކެޔޮ، ޖަނބުރޯލު، މުރަނގަ އަދި އަލަ ގަސް ހިމެނޭކަމަށް ވުޒާރާއިން ބުނެފައިވެއެވެ. މި ގަސްތައް ބެހިފައިވަނީ ކޮންމެ ރަށެއްގެ ގޭބީސީތަކާއި އޮފީސްތަކަށް ބޭނުންވާ މިންވަރަށް ބަލައިގެންނެވެ.

ފުނަދޫއަށް ޖުމްލަ 324 ގަސް ފޯރުކޮށްދީފައިވާއިރު، އޭގެ ތެރޭގައި 65 ބަނބުކެޔޮ، 116 ޖަނބުރޯލު، 111 މުރަނގަ އަދި 32 އަލަ ގަސް ހިމެނެއެވެ. ޅައިމަގަށް ދީފައިވާ 378 ގަހުގެ ތެރޭގައި އެންމެ ގިނައީ 216 އަލަ ގަހެވެ. އަދި 59 ބަނބުކެޔޮ، 52 ޖަނބުރޯލު އަދި 51 މުރަނގަ ގަސް ވެސް ހިމެނެއެވެ.

ނަރުދޫއަށް ބެހިފައިވާ 254 ގަހުގެ ތެރޭގައި ބަނބުކެޔޮ 60، ޖަނބުރޯލު 71، މުރަނގަ 67 އަދި އަލަ 56 ގަސް ހިމެނޭއިރު، ބިލަތްފަހިއަށް ޖުމްލަ 203 ގަސް ދީފައިވެއެވެ. ބިލަތްފަހިއަށް ދީފައިވާ ގަސްތަކުގެ ތެރޭގައި 116 އަލަ ގަހާއި ކޮންމެ ބާވަތަކުން 29 ގަސް ހިމެނެއެވެ.

ރަށުގެ ރައްޔިތުންނަށް ކާނާ ލިބޭނެކަމުގެ ޔަގީންކަން އިތުރުކުރުމަށް ކައުންސިލްތަކުން އެދުމުން މިފަދަ ގަސްތައް ފޯރުކޮށްދޭކަމަށް ވުޒާރާއިން ބުނެއެވެ. ހަނިމާދޫގައި ހުންނަ އެގްރިކަލްޗާ ސެންޓަރުން ރަށްރަށަށް ބޭނުންވާ މިންވަރަށް ގަސްތައް ފޯރުކޮށްދެމުންދާކަމަށާއި، ޖޫން މަހު ހަނިމާދޫ ކައުންސިލަށް 50 ބަނބުކެޔޮ ގަސް ދީފައިވާކަމަށް ވެސް ވުޒާރާއިން ހާމަކުރިއެވެ.

ކާރިސާތަކާ ކުރިމަތިވާ ހާލަތްތަކުގައި ކާނާގެ ޔަގީންކަން ކަށަވަރުކުރުމަށް އިސްކަންދެއްވައިގެން މަސައްކަތް ކުރަމުންދާކަމަށް ސަރުކާރުން ބުނެފައިވީ ނަމަވެސް، އަދި އެކަމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވޭތަން ނުފެންނަކަމަށް ދަނޑުވެރިން ފާހަގަކުރެއެވެ. މީގެ އިތުރުން ސަރުކާރުން ވަނީ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމެއް ވެސް ފަށައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.