މާލެއިން އަރިއަތޮޅު ދެކުނުބުރީ ދަނގެއްޗަށް ދިޔަ ލޯންޗެއްގައި ގެންދިޔަ ފޮތިކޮތަޅެއް ހިފައިގެން ދިޔުމަށްފަހު ފުލުހެއްގެ ލޯމަތީގައި ޖެހި ދަނގެތީ މީހަކު އެއް އަހަރު ދުވަހަށް ޖަލަށް ލުމަށް ދަނގެތީ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފިއެވެ.
މިއީ މި އަހަރުގެ ޖަނަވަރީ މަހުގެ 4 ވަނަ ދުވަހު ހަވީރު ހިނގި ހާދިސާއެކެވެ. އެ ދުވަހު މާލެއިން ދަނގެއްޗަށް ފުރި ފެރީ ލޯންޗުން ގެނައި ހުދު ކުލައިގެ ފޮތިކޮތަޅެއް ހިފައިގެން، ދައުވާ ލިބުނު މީހާ ބައިސްކަލެއްގައި ދަނގެތީ ބަނދަރުމަތިން ދަނިކޮށް، މަޑުކުރުމަށް ފުލުހުން އެންގިއެވެ. ނަމަވެސް އޭނާ ފުލުހުންގެ އަމުރަށް ކިޔަމަން ނުވެ ކުރިއަށް ދިޔައެވެ.
ފުލުހުން އޭނާ ހުއްޓުވަން މަސައްކަތް ކުރުމުން، ފުލުހެއްގެ ކަނާތު ލޯމަތީގައި އެ މީހާ ޖަހައި، އަނިޔާއެއް ދިންކަމަށް ދައުލަތުން ދައުވާ ކޮށްފައިވެއެވެ. މައްސަލައިގެ ޝަރީއަތުގައި ދައުވާ ލިބުނު މީހާ ކުށަށް އިއުތިރާފުވެފައިވާތީ، މައްސަލަ ބެލި މެޖިސްޓްރޭޓް އޭނާއަށް ލުއި އަދަބެއް ދިނުމަށް ނިންމެވިއެވެ.
ކޯޓުން އޭނާގެ މައްޗަށް ކޮށްފައިވަނީ އެއް އަހަރާއި ދެ ދުވަހުގެ ޖަލު ހުކުމެކެވެ. އޭނާގެ އަދަބު ޖޫރިމަނާއަކަށް ބަދަލުކުރުމަށް ކޯޓުން ބެލިނަމަވެސް، އޭނާއަކީ ޖޫރިމަނާ ދެއްކޭފަދަ މާލީ ހާލަތެއްގައި ހުރި މީހަކަށް ނުވާތީ ޖަލު ހުކުމެއް އިއްވުމަށް ނިންމިކަމަށް ކޯޓުން ބުނެފައިވެއެވެ.
ޖޫރިމަނާއަކަށް ބަދަލުކޮށްދިނުމަށް ދައުވާ ލިބުނު މީހާ އެދުނުނަމަވެސް، ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ 74,000 ރުފިޔާ ދެއްކޭނެ ގާބިލުކަމެއް ނެތްކަމަށް އޭނާ ކޯޓުގައި ބުނެފައިވެއެވެ. އެހެންކަމުން މި މައްސަލައިގައި ދައުވާ ލިބުނު މީހާ އެއް އަހަރު ދުވަހަށް ޖަލަށް ލުމަށް ދަނގެތީ މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވެއެވެ.
ކޮމެންޓު ފޮނުވާ