ކުޑަކުދިންގެ ސަލާމަތާ ބެހޭ ކަންބޮޑުވުންތައް ފާހަގަކުރެވެމުން ދިއުމާ ގުޅިގެން، ދުނިޔޭގެ އެންމެ މަޝްހޫރު އޮންލައިން ގޭމިން ޕްލެޓްފޯމްތަކުގެ ތެރޭގައި ހިމެނޭ ރޯބްލޮކްސް، ގަތަރުން ބްލޮކްކޮށްފިއެވެ. މި ޕްލެޓްފޯމަކީ ދުވާލަކު 88.9 މިލިއަނަށްވުރެ ގިނަ ބޭނުންކުރާ މީހުން ތިބި، ވާޗުއަލް ދުނިޔެތައް ބިނާކޮށް އެކްސްޕްލޯ ކުރެވޭ ތަނެކެވެ.
ގަތަރުގެ އޮންލައިން އެޕް ސްޓޯރުތަކުން ރޯބްލޮކްސް އެޕްލިކޭޝަން ޑައުންލޯޑް ކުރުމުގެ ފުރުސަތު އޮތް ނަމަވެސް، އެޕް ހުޅުވާލުމުން ފެންނަނީ "ނޯ ނެޓްވޯކް" މެސެޖެވެ. އަދި ވެބްސައިޓް މެދުވެރިކޮށް ގޭމަށް ވަދެވޭތޯ މަސައްކަތް ކުރާ މީހުންނަށް "ދިސް ސައިޓް ކާންޓް ބީ ރީޗްޑް" އެރަރ މެސެޖް ފެނެއެވެ.
ގަތަރުގެ ކަމާބެހޭ އިދާރާތަކުން މި މައްސަލައިގައި އަދި ރަސްމީ ބަޔާނެއް ނެރެފައި ނެތް ނަމަވެސް، މި ފިޔަވަޅު އެޅިފައިވަނީ ކުޑަކުދިންނަށް ނުރައްކާތެރި ކޮންޓެންޓް ހިމެނުމާއި، ކުދިންގެ ބޭނުން ނަހަމަ ގޮތުގައި ހިފާ މީހުންނާ މުއާމަލާތް ކުރެވޭ މައްސަލަތައް ހުއްޓުވުމަށް ގަތަރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ބައެއްގެ ގޮތުގައި ކަމަށް ބެލެވެއެވެ.
ރޯބްލޮކްސް ޕްލެޓްފޯމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ފާޑުކިޔުން އަމާޒުވަމުން އައިސްފައިވަނީ، އޭގައި ކުޑަކުދިންނަށް ނުރަނގަޅު އަސަރުކުރާ ކޮންޓެންޓް ހުރުމާއި، ކުދިން އެކްސްޕްލޮއިޓޭޝަންގެ ޝިކާރައަކަށް ވުމުގެ ފުރުސަތު އޮތުމުގެ ސަބަބުންނެވެ. ބެލެނިވެރިންނާއި އޮންލައިން ސޭފްޓީ އެޑްވޮކޭޓުން ދިގު މުއްދަތެއް ވަންދެން މި ކަންކަމާ ކަންބޮޑުވުން ފާޅުކުރަމުން އައިސްފައިވެއެވެ.
ގަތަރުގެ އިތުރުން، ޗައިނާ، ތުރުކީ އަދި އޮމާން ފަދަ ގައުމުތަކުން ވެސް ވަނީ މި ޕްލެޓްފޯމް ބްލޮކްކޮށްފައެވެ. މި ގައުމުތަކުން ވެސް މިފަދަ ފިޔަވަޅުތައް އަޅާފައިވަނީ ކުޑަކުދިންގެ އޮންލައިން ރައްކާތެރިކަމާ ގުޅޭ މައްސަލަތަކާ ގުޅިގެންނެވެ.
ރޯބްލޮކްސް އަކީ ދުނިޔޭގެ ބޮޑެތި ބްރޭންޑްތަކުން މާކެޓިން ކެމްޕެއިންތަކުގައި ބޭނުންކުރާ ޕްލެޓްފޯމެއް ކަމުގައިވީ ނަމަވެސް، ކުޑަކުދިންގެ ސަލާމަތާ ބެހޭ މައްސަލަތަކުގައި އިތުރު ފިޔަވަޅުތައް އެޅުމަށް ދުނިޔޭގެ އެކި ގައުމުތަކުން ބާރުއަޅަމުން އަންނަ ވަގުތެއްގައި، ގަތަރުން އެޅި މި ފިޔަވަޅަކީ ޑިޖިޓަލް ދުނިޔޭގައި ކުޑަކުދިން ހިމާޔަތްކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި ފެނެއެވެ.
ކޮމެންޓު ފޮނުވާ