ރާއްޖޭގެ ރިއަލް އެސްޓޭޓް ދާއިރާގެ އެންމެ ބޮޑު ފެއާ ކަމުގައިވާ މޯލްޑިވްސް ލިވިން އެކްސްޕޯގެ 13 ވަނަ އެޑިޝަން ސެންޓްރަލް ޕާކުގައި ފަށައިފި އެވެ. ހައިރައިޒްއިން އިންތިޒާމްކޮށްގެން ބާއްވާ މި ފެއާ ރަސްމީކޮށް ހުޅުވައިދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އެވެ.
2013 ވަނަ އަހަރު ފުރަތަމަ ފަހަރަށް ބޭއްވުނު މި އެކްސްޕޯއަކީ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ރިއަލް އެސްޓޭޓް ކުންފުނިތަކާއި އިމާރާތްކުރުމުގެ ދާއިރާގެ ބޮޑެތި ވިޔަފާރިތައް އެއްތަނަކަށް އައުމުގެ ފުރުސަތު ލިބޭ އެންމެ ބޮޑު ޕްލެޓްފޯމެވެ. މި އަހަރުގެ އެކްސްޕޯގައި ރާއްޖެ އާއި ބޭރުގެ ގިނަ ކުންފުނިތަކުން ބައިވެރިވެ، އެންމެ ފަހުގެ ރިއަލް އެސްޓޭޓް ޕްރޮޖެކްޓްތަކާއި އިންވެސްޓްމަންޓް ފުރުސަތުތަކުގެ މައުލޫމާތު ހިއްސާކުރަމުންދާނެ އެވެ.
އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އެކްސްޕޯ ހުޅުވިފައި އޮންނާނީ ކޮންމެ ދުވަހަކު ދެ ސެޝަނެއްގައެވެ. ހަވީރުގެ ސެޝަން އޮންނާނީ 16:00 އިން 18:00 އަށް، އަދި ރޭގަނޑުގެ ސެޝަން އޮންނާނީ 20:00 އިން 22:30 އަށެވެ. މި ތަފާތު ވަގުތުތައް ހަމަޖެހިފައިވަނީ މަސައްކަތްތެރިންނަށާއި ސްކޫލް ދަރިވަރުންނަށް ވެސް ޒިޔާރަތްކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށެވެ.
މި އެކްސްޕޯގައި ރިއަލް އެސްޓޭޓް ޕްރޮޖެކްޓްތަކުގެ އިތުރުން، ގެދޮރަށް ބޭނުންވާ އެންމެ ފަހުގެ ފަރުނީޗަރު، އިންޓީރިއާ އަދި އެކްސްޓީރިއާ ޑިޒައިން، ސްމާޓް ހޯމް ޓެކްނޮލޮޖީ، އަދި ގޭބިސީ ސާމާނުގެ އެންމެ ފަހުގެ އުފެއްދުންތައް ވެސް މައުރަޒުކުރެވޭނެ އެވެ. ހަމައެއާއެކު، ބޭންކްތަކާއި ފައިނޭންސް ކުންފުނިތަކުން ގެދޮރު ގަތުމަށް ލިބޭ ލޯނާއި ފައިސާގެ މުއާމަލާތްތަކާ ބެހޭ މުހިންމު މައުލޫމާތު ވެސް ލިބިގެންދާނެއެވެ.
ހައިރައިޒްއިން ހާމަކުރި ގޮތުގައި، މި އަހަރުގެ އެކްސްޕޯގައި އިންވެސްޓަރުންނާއި ގެދޮރު ގަންނަން ބޭނުންވާ ފަރާތްތަކަށް ޚާއްސަ ޕެކޭޖްތަކާއި ޑިސްކައުންޓްތައް ހުށަހަޅާނެ އެވެ. އަދި ރިއަލް އެސްޓޭޓް ދާއިރާގެ ޚާއްސަ މާހިރުންގެ ލަފާ ވެސް ވަނީ ހަމަޖެހިފައެވެ. އާންމުންގެ މެދުގައި މި އެކްސްޕޯއަށް ލިބެމުންދާ ޝައުގުވެރިކަން ވަރަށް ބޮޑުކަމަށާއި، މި އަހަރު ވެސް ގިނަ އަދަދެއްގެ ޒިޔާރަތްތެރިން ބައިވެރިވާނެ ކަމަށް އުންމީދުކުރާ ކަމަށް އިންތިޒާމުކުރާ ފަރާތުން ބުނެފައިވެ އެވެ.
ކޮމެންޓު ފޮނުވާ