ޣައްޒާގެ ރައްޔިތުންގެ ހައްގުގައި ގައުމީ ބޮޑު އެއްވުމެއް މާދަމާ ބާއްވަނީ

ޣައްޒާގެ ރައްޔިތުންގެ ހައްގުގައި ގައުމީ ބޮޑު އެއްވުމެއް މާދަމާ ބާއްވަނީ

Author
ހުސައިން
14 އޮގަސްޓް 2025 11:16
0

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމާ ދެކޮޅަށް އަޑު އުފުލުމަށް "ގައުމީ ބޮޑު އެއްވުމެއް" މާދަމާ ބޭއްވުމަށް ނިންމައިފިއެވެ. މި އެއްވުން ބޭއްވޭނީ މާދަމާ ހަވީރު 4:30 ގައި ގަލޮޅު ޤައުމީ ސްޓޭޑިއަމްގައެވެ.

އެއްވުން އިންތިޒާމްކުރާ ފަރާތްތަކުން ބުނެފައިވަނީ، ޣައްޒާގެ ހާލަތު މިހާރު ވަނީ ވަޒަންކުރެވޭ ވަރަށްވުރެ ވެސް ނިކަމެތި ދަރަޖައަކަށް ގޮސްފައި ކަމަށެވެ. އިސްރާއީލުން ޣައްޒާ ހިސޯރުކުރުން ނިމުމަކަށް ގެނެސް، ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލުމަކީ މި އެއްވުމުގެ މައިގަނޑު މަގުސަދު ކަމަށް އިންތިޒާމުކުރާ ފަރާތްތަކުން ހާމަކުރެއެވެ.

އިސްރާއީލުން ޣައްޒާގައި ގަތުލު އާންމު ހިންގަން ފެށިތާ ދެ އަހަރާ ގާތްވެފައިވާ މި ވަގުތު، ޝަހީދުކޮށްލެވުނު މީހުންގެ އަދަދު 60,000 އަށްވުރެ މައްޗަށް އަރައިފައިވާ ކަމަށާއި، ޒަޚަމްވި މީހުންގެ އަދަދު 100,000 އަށްވުރެ އިތުރުވެފައިވާ ކަމަށް ރިޕޯޓްތަކުން ދައްކައެވެ.

ޣައްޒާ ހިސޯރުކުރެވިފައި އޮތުމުގެ ސަބަބުން އެތައް ހާސް ބަޔަކަށް ކާބޯތަކެތި ނުލިބި، ބަނޑުގެ ހާލުގައި ޖެހިފައިވާ ކަމަށާއި، ބައެއް މީހުން ބަނޑަށް މަރުވަމުންދާ ކަމަށް ވެސް ރިޕޯޓްތަކުން ހާމަވެއެވެ.

ޣައްޒާގެ ރައްޔިތުންގެ ހައްގުގައި މީގެ ކުރިން ރާއްޖޭގައި ބޭއްވުނު އެއްވުންތަކުގައި ގިނަ އަދަދެއްގެ ދިވެހިން ބައިވެރިވެފައިވާ އިރު، ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ހިންގުނު ފަންޑް ރޭސިން ހަރަކާތްތަކުގައި ވެސް ގިނަ ދިވެހިން ބައިވެރިވެ، ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

މާދަމާ ބޭއްވޭ އެއްވުމުގައި އެންމެހައި ދިވެހި ރައްޔިތުން ބައިވެރިވެ، ޣައްޒާގެ ރައްޔިތުންގެ ހައްގުގައި އެއް އަޑަކުން ވާހަކަ ދައްކަވާ ދެއްވުމަށް އިންތިޒާމުކުރާ ފަރާތްތަކުން އިލްތިމާސް ކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.