މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވަނީ އެ ކުންފުނީގެ އެކްސްޕްރެސް ސާވިސް، "މައިބަނދަރު ޕޯޓަލް" މެދުވެރިކޮށް އޮންލައިންކޮށް ހޯދޭނެ އިންތިޒާމް ހަމަޖައްސައިފަ އެވެ. މި ޚިދުމަތް ފޯރުކޮށްދޭން ފަށާފައިވަނީ، އެމްޕީއެލްގެ ޚިދުމަތްތައް އޮޓޮމޭޓް ކުރުމުގެ މަސައްކަތުގެ ދަށުން، މީގެ ތިން އަހަރު ކުރިން ފެށިގެންނެވެ.
އެމްޕީއެލް އިން ހާމަކޮށްފައިވާ ގޮތުގައި، މި ޚިދުމަތަށް އެދޭނީ "ބަނދަރު ޕޯޓަލް" އަށް ލޮގިން ކުރުމަށްފަހު، މެނޫއިން "ޝިފްޓިން ރިކުއެސްޓް" އަށް ގޮސްގެންނެވެ.
ނޯމަލް އެކްސްޕްރެސް ސާވިސް އަށް އެދުމުގެ ފުރުޞަތު ހުޅުވާލެވޭނީ، މުދާ ކްލިއަރ ކުރަން ބޭނުންވާ ތާރީޚުގެ ދެ ދުވަސް ކުރިން، ރޭގަނޑު 8:00 ގައެވެ. މި ފުރުޞަތު ބަންދުކުރެވޭނީ ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 10:30 ގައެވެ.
ޑެއިލީ އެކްސްޕްރެސް ސާވިސް އަށް އެދުމުގެ ފުރުޞަތު ކޮންމެ ދުވަހަކު ހެނދުނު 8:00 އިން ހަވީރު 4:00 އާ ދެމެދު ހުޅުވިފައި ހުންނާނެ ކަމަށް އެމްޕީއެލް އިން ބުނެފައިވެ އެވެ.
މައިބަނދަރު ޕޯޓަލް ބޭނުންކޮށްގެން، ކަސްޓަމަރުންނަށް އެ މީހުންގެ މުދަލުގެ ސްޓޭޓަސް ބެލުމުގެ އިތުރުން، އެމްޕީއެލްގެ އެހެނިހެން ޚިދުމަތްތައް ވެސް ވަރަށް ފަސޭހަކަމާއެކު ލިބިގަތުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެ އެވެ.
ކޮމެންޓު ފޮނުވާ