އެމްޑީޕީގެ ލީޑަރުންގެ ޓީމެއް ނަޝީދުއާއި ބައްދަލުކުރަން ގާނާއަށް

އެމްޑީޕީގެ ލީޑަރުންގެ ޓީމެއް ނަޝީދުއާއި ބައްދަލުކުރަން ގާނާއަށް

Author
ހުސައިން
14 އޮގަސްޓް 2025 02:14
0

ކުރީގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރުމަށް އެމަނިކުފާނު މިހާރު ނިސްބަތްވާ އެމްޑީޕީގެ އިސް ލީޑަރުންގެ ޓީމެއް ގާނާއަށް ދަތުރުކޮށްފިއެވެ.

ގާނާގައި ނަޝީދާ ބައްދަލުކުރި ޓީމުގައި ހިމެނިވަޑައިގަންނަވަނީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް، ކުރީގެ ޗެއާޕާސަން ހަސަން ލަތީފް، ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް އަދި އެޕާޓީ ޕީޖީގެ ކުރީގެ ލީޑަރު އަލީ އާޒިމެވެ. މި ޓީމުގެ މެމްބަރުން މިހާރުތިބީ ގާނާގައިކަމަށް އެނގިފައި ވެއެވެ.

ތިމާވެށީގެ ޖަމްޢިއްޔާއެއްކަމުގައިވާ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރައްވަމުން ނަޝީދު ގެންދަވަނީ ގާނާގައެވެ. ގާނާގައި ނަޝީދާއެކު ބައްދަލުކުރެއްވި މަންޒަރުތައް ހިމެނޭ ފޮޓޯތަކެއް މިއަދު ސޯޝަލް މީޑިއާގައި ފެތުރެމުން ދާކަން ފާހަގަކުރެވެއެވެ.

ބައެއް މީޑިއާތަކުން މިޓީމުގެ ބައެއް މެމްބަރުނާއި ހަވާލާދީ ރިޕޯޓު ކޮށްފައިވާ ގޮތުގައި މިއީ ޕްރައިވެޓް ދަތުރެކެވެ. އަދި މިދަތުރުގައި ރަސްމީ ކަމެއް ނެތްކަމަށްވެސް ރިޕޯޓު ކޮށްފައި ވެއެވެ. ނަމަވެސް ގާނާގައި ނަޝީދާއެކު ބައްދަލުކުރެއްވި ބޭފުޅުން ކެއުމަކަށް ތައްޔާރުވަމުންދާ މަންޒަރު ފޮޓޯތަކުން ފެނިގެން ދިޔައެވެ.

ނަޝީދު ވޭތުވެދިޔަ ދުވަސްތަކުގައި ދެ ފަހަރެއްގެ މަތިން ރާއްޖެ ވަޑައިގަތުމަކީ ފާހަގަކޮށްލެވޭ ކަމެކެވެ. އެންމެ ފަހުން އެމަނިކުފާނު ރާއްޖެ ވަޑައިގަތީ މިދިޔަ މަހު ފާހަގަކުރި މިނިވަން ދުވަހާ ގުޅިގެންނެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށްޓަކައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމަށް ނަޝީދާއި ފައްޔާޒް ދެބޭފުޅުންވެސް ވަނީ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ. ބައެއް ޒަރީއާތަކުން ލިބޭ މަޢުލޫމާތުގެ ދަށުން، ނަޝީދުގެ ތާއީދު އޮތީ ފައްޔާޒަށް ކަމަށް ބެލެވޭ ނަމަވެސް، އެކަން ރަސްމީކޮށް އެމަނިކުފާނު އިޢުލާންކުރައްވާފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.