ބ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު މާލެ ވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި ރައީސް އެ އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްޤީއާ ބެހޭ މުހިންމު ކަންކަމާ މަޝްވަރާކުރެއްވިއެވެ.
ދަރަވަންދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ލާމަރުކަޒީ ނިޒާމަށް ގެނައި އިސްލާހުތަކުގެ ޙަޤީޤަތް އޮޅުވާލުމަށް ބައެއް ފަރާތްތަކުން މަސައްކަތްކުރާ ކަމަށެވެ. ކައުންސިލްތައް ހިންގަންޖެހޭނީ ރައްޔިތުން ބާރުވެރިކުރެވޭނެ ގޮތަށް ކަމަށާއި، ސަރުކާރުން ގެނައި އިސްލާހުތަކުގައި ވެސް މިކަން ހިމެނޭކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ތުޅާދޫގައި 100 ހައުސިންގ ޔުނިޓްގެ މަސައްކަތް އިއުލާންކުރައްވަމުން ރައީސް ވިދާޅުވީ، ސޯޝަލް ހައުސިންގ މަޝްރޫޢުތަކުން ދޫކުރާ ގޯތި ނުވަތަ ފްލެޓް ދޫކުރުމުގައި، އެ ރަށެއްގެ ރައްޔިތުންގެ ޙާލަތަށް ރިޢާޔަތްކޮށް ކައުންސިލުން ކަނޑައަޅާ އުސޫލުތަކަށް ސަރުކާރުން އިހްތިރާމްކުރާނެ ކަމަށެވެ. މިއީ ކޮންމެ ރަށެއްގައި ވެސް ސަރުކާރުން އަމަލުކުރާނެ ސިޔާސަތު ކަމަށް ރައީސް ވިދާޅުވިއެވެ.
ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ސިޔާސީ ޚިޔާލު ތަފާތުވުންތަކުން ހުރަސްތައް ކުރިމަތިކުރުމުގެ ފުރުޞަތު ނުދޭނެ ކަމަށާއި، ޒިންމާދާރުކަމާއެކު ދެފުށްފެންނަ ގަވަނަންސް ނިޒާމެއް ހަރުދަނާކުރުމަށް މަސައްކަތްކުރާ ކަމަށް ރައީސް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ