ރާއްޖޭގައި ދިމާވެފައިވާ ޑޮލަރުގެ ދަތިކަން ހައްލުކުރުމަށްޓަކައި ވެރިކަމުގެ މުއްދަތު 10 ނުވަތަ 15 އަހަރަށް އިތުރުކުރަން ޖެހޭނެ ކަމަށް ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު) ވިދާޅުވެއްޖެއެވެ.
ޔޫޓިއުބް ޗެނަލް "ދެނޯ" އަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން އުއްޗު ފާހަގަކުރެއްވީ، ރާއްޖެއަކީ ކުޑަ ގައުމެއް ނޫންކަމަށާއި، އިންޑިއާ ކަނޑުގެ ފުޅާ ސަރަހައްދެއް ރާއްޖޭގެ ސަރަހައްދުގައި ހިމެނޭކަމަށެވެ. އަދި ރާއްޖޭގެ ރަށްތައް ވަރަށް ދުރުދުރުގައި ފެތުރިފައި ވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ޑޮލަރުގެ ވާރޭވެހޭ ގައުމެއް ކަމަށާއި، ނަމަވެސް 200 އަށްވުރެ ގިނަ ރަށްރަށުގައި ރައްޔިތުން ދިރިއުޅޭކަމަށް އުއްޗު ވިދާޅުވިއެވެ. ކޮންމެ ރަށަކަށް ވެސް ޚިދުމަތްތައް ފޯރުކޮށްދޭން ޖެހޭތީ، ބޮޑެތި ޚަރަދުތަކެއް ހިނގާކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. މި ޚަރަދުތައް ކުރަނީ ވެރިންގެ ޖީބުން ނޫންކަމަށާއި، ރައްޔިތުންގެ ޓެކްސް ފައިސާއިން ކަމަށްވެސް އުއްޗު ވިދާޅުވިއެވެ.
ސަރުކާރުތަކުން ލޯނު ނަގަން ޖެހެނީ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށާއި، މި ހުރިހާ ކަމެއް ކުރުމަށް ޑޮލަރުން ލޯނު ނަގަން ޖެހޭކަމަށް އުއްޗު ވިދާޅުވިއެވެ.
މިފަދަ ބޮޑު ރާއްޖެއަކަށް ފަސް އަހަރުގެ ވެރިކަމުގެ މުއްދަތަކީ ވަރަށް ކުރު މުއްދަތެއް ކަމަށާއި، އެހެން ގައުމުތަކުގައި ކަންކަން ކުރާ ގޮތާ ރާއްޖޭގައި ކަންކަން ކުރާ ގޮތް ތަފާތު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން، އެންމެ މަދުވެގެން 10 ނުވަތަ 15 އަހަރުގެ ވެރިކަމެއް ލިބިގެން މެނުވީ، ޑޮލަރުގެ މައްސަލަ ހައްލެއް ނުކުރެވޭނެ ކަމަށް އުއްޗު ވިދާޅުވިއެވެ. މި މުއްދަތު ނުލިބިއްޖެނަމަ ޑޮލަރުގެ އަގު ދަށަކަށް ނުދާނެ ކަމަށް އޭނާ ބުނެފައިވެއެވެ.
ބޭރު ގައުމުތަކުން ނަގާ ލޯނުތަކާ ބެހޭގޮތުން ވާހަކަދައްކަވަމުން އުއްޗު ވިދާޅުވީ، މި ލޯނުތަކަކީ ސީދާ ނަގުދު ޑޮލަރުން ރާއްޖެއަށް ލިބޭ ފައިސާ ނޫން ކަމަށެވެ. އަވައްޓެރި ގައުމުތަކުން ދޭ ލޯނުތައް ބޭނުންކުރަނީ ވަކި މަޝްރޫއުތަކަށް ކަމަށާއި، އެ ގައުމުތަކުގެ މަސައްކަތްތެރިން ރާއްޖެއަށް ގެނެސް މަޝްރޫއުތައް ހިންގާ ކަމަށް އޭނާ ވިދާޅުވިއެވެ. މި މަސައްކަތްތެރިންނަށް މުސާރަ ދޭންޖެހެނީ ޑޮލަރުން ކަމުން، ރާއްޖެއަށް ވަންނަ ޑޮލަރުގެ ބޮޑު ބައެއް އަނބުރާ ބޭރަށް ދާކަމަށް އުއްޗު ފާހަގަކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ