ފުލުހުންގެ ސްޕެޝަލް ކޮންސްޓްބްލަރީ މުހައްމަދު ސާޖިދު އަހުމަދު ބަންދުން ދޫކޮށްލާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން މިއަދު ކަނޑައަޅައިފިއެވެ. މިއީ ފުލުހުންގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވިއިރުވެސް ބިރުގަނެގެން ހުވާނުކުރި ކަމަށް ބުނާ މީހެކެވެ.
ގދ.ތިނަދޫ، ދަފްތަރު ނަންބަރު 47ގައި ދިރިއުޅޭ މުހައްމަދު ސާޖިދު އަހުމަދުގެ ގެއިން ވޭޕް ވިއްކާކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމުން، ކޯޓު އަމުރެއްގެ ދަށުން އޭނާގެ ގެ ބަލައިފާސްކުރިއެވެ. މި ބަލައިފާސްކުރުމުގައި އިލެކްޓްރޯނިކް ސިގިނރޭޓާ ގުޅޭ ތަކެއްޗާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ފެނިފައިވެއެވެ.
ސާޖިދު ހައްޔަރުކޮށް ތިނަދޫ ކޯޓަށް ހާޒިރުކުރިއިރު، އޭނާ ދޫކޮށްލުމަށް އެކޯޓުން ނިންމިއެވެ. ނަމަވެސް ފުލުހުން މި ނިންމުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވެއެވެ.
ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒް ވިދާޅުވީ، ބަލައިފާސްކުރުމުގެ އަމުރުގައި ނުހިމެނޭ ތަކެތި ހޯދުމަށް މަސައްކަތްކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށެވެ. އެހެންނަމަވެސް، އަމުރުގައި ބަޔާންކުރާ ތަކެތި ހޯދުމުގެ ތެރެއިން ފެންނަ އެހެން ކުށަކާ ގުޅޭ ތަކެތި ހިފެހެއްޓުމަކީ ޖިނާއީ އިޖުރާތުގެ ގާނޫނު ހުއްދަކުރާ ކަމެއްކަމަށް ވިދާޅުވިއެވެ.
ފަނޑިޔާރު ނިޔާޒް އިތުރަށް ވިދާޅުވީ، ދުންފަތް ކޮންޓްރޯލްކުރުމުގެ ގާނޫނުގެ ދަށުން ބަޔާންކުރާ ތަކެތި ހޯދުމަށް ނެރުނު އަމުރުގެ ދަށުން ބަލައިފާސްކުރުމުގެ ތެރެއިން ފެނުނު މަސްތުވާތަކެއްޗާ ގުޅިގެން ސާޖިދު ހައްޔަރުކުރީ ރަނގަޅަށްކަމަށެވެ.
ފަނޑިޔާރު ދީބާނާޒް ފަހުމީ އާއި ފަނޑިޔާރު ހުސައިން މަޒީދު، ދެބޭފުޅުންވެސް ނިޔާޒްގެ ރައުޔަށް ތާއީދުކުރެއްވިއެވެ.
ހައިކޯޓުން ނިންމީ، ތިނަދޫ ކޯޓުން ސާޖިދު ދޫކޮށްލުމަށް ނެރުނު އަމުރަކީ ގާނޫނާ އެއްގޮތަށް ނެރެފައިވާ އަމުރެއް ނޫންކަމަށް ކަނޑައަޅައި، އެ އަމުރު ބާޠިލުކުރުމަށެވެ. އަދި ސާޖިދުގެ ބަންދާމެދު އަލުން ގޮތެއް ނިންމުމަށް ފުލުހުން ހުށަހަޅައިފިނަމަ، ހުށަހަޅާތާ ދެ ދުވަހުގެ ތެރޭގައި ބަންދާމެދު ގޮތެއް ނިންމުމަށް ހައިކޯޓުން އަމުރުކޮށްފައި ވެއެވެ.
ކޮމެންޓު ފޮނުވާ