ރައްޔިތުންގެ ފަޅީގައި ތިބެގެން މަސައްކަތް ކުރުމަށާއި، ރައްޔިތުންގެ ބޭނުންތަކަށް ވުރެ މުހިންމު ކަމެއް ސަރުކާރަށް ނެތްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިވާހަކަފުޅު ދެއްކެވީ ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ހިތާދޫ ރައްޔިތުންނާ ބައްދަލުކުރައްވަމުންނެވެ.
ހިތާދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ރައީސް ފާހަގަކުރެއްވީ، ފާއިތުވި ދޮޅު އަހަރު ތެރޭގައި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް އެތައް ފިޔަވަޅުތަކެއް އަޅުއްވާފައިވާކަމެވެ. ހުރިހާ ރަށަކަށް ހަމަހަމަ އުސޫލުން ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވާކަމަށާއި، ތަރައްޤީގެ މަޝްރޫޢުތައް ކުންފުނިތަކާ ހަވާލުކޮށް، މިހާރު ވެސް އެތައް މަޝްރޫޢުތަކެއް ކުރިއަށްދާކަން އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ބައެއް ރަށްރަށުގައި ފެށޭ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން ރައްޔިތުންގެ ކަންބޮޑުވުންތައް ހުރިކަން ސަރުކާރަށް އެނގޭކަމަށެވެ. ރައްޔިތުން ބޭނުންނުވާ ގޮތަކަށް އެއްވެސް މަޝްރޫޢެއް ނުފައްޓަވާނެކަމަށް އެމަނިކުފާނު ޔަޤީންކަން ދެއްވިއެވެ. މިސާލެއްގެ ގޮތުން ބައެއް ރަށްރަށުގައި މަގުތަކުގައި ގާއެތުރުމާއި ތާރުއެޅުން ރައްޔިތުން ބޭނުންނުވާތީ، އެފަދަ މަޝްރޫޢުތައް ހިންގާނީ ރައްޔިތުންގެ ޚިޔާލަށް ބަލައިގެންކަމަށް ރައީސް ވިދާޅުވިއެވެ.
ހިތާދޫގެ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދަވާނީ އެރަށުގެ ރައްޔިތުން އެދޭ ކޮންސެޕްޓަކާ އެއްގޮތަށްކަމަށް ރައީސް ޔަޤީންކަން ދެއްވިއެވެ. މިއީ ރައްޔިތުންގެ އަޑުއަހައި، އެމީހުންގެ ބޭނުންތައް ފުރިހަމަކޮށްދިނުމަށް ސަރުކާރުން ދެއްވާ އިސްކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސްގެ މި ދަތުރުފުޅުގައި ހިތާދޫއަށް ދެ މުހިންމު މަޝްރޫޢެއް ވަނީ ހަވާލުކުރައްވާފައެވެ. ހިތާދޫގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރެވުނެވެ. މީގެ އިތުރުން ހިތާދޫ ސްކޫލުގައި މަލްޓިޕާޕަސް ހޯލެއް އިމާރާތްކުރުމުގެ މަސައްކަތް ޑިޒައިން އެންޑް ބިލްޑް އުސޫލުން އެފްޑީސީއާ ހަވާލުކުރެވުނެވެ.
މި މަޝްރޫޢުތަކަކީ ހިތާދޫގެ ތަރައްޤީއަށް މުހިންމު ދެ މަޝްރޫޢެއްކަމަށާއި، މިއީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ބައެއްކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ