ދިވެހި ޒުވާނުންނަށް ޚާއްޞަކޮށްގެން ޤައުމީ ސިޔާސަތެއް އެކުލަވާލުމުގެ މުހިންމު މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މި ސިޔާސަތުގެ މައިގަނޑު އޮނިގަނޑު ތައްޔާރުކުރުމުގެ ޒިންމާ ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާ ހަވާލުކޮށްފައިވަނީ މި މަސައްކަތް ފަންނީ ގޮތުން ފުރިހަމަކުރުމަށެވެ.
މި ކަމަށް ދެ ފަރާތުން ވެވުނު އެއްބަސްވުމުގައި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީގެ ނައިބު ރައީސް ފާތިމަތު ނަޒާހާ ނަޒީމާއި އިސްލާމީ ޔުނިވަރސިޓީގެ ސެންޓަރ ފޯ ރިސާޗް އެންޑް ޕަބްލިކޭޝަންގެ ޑީން ޑރ. އައިމިނަތު ޝާފިޔާ އާދަމް ސޮއިކުރެއްވިއެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތުގައި ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވަޒީރުގެ އެޑްވައިޒަރު އަޙްމަދު ނަރީޝް ވިދާޅުވީ ދިވެހިރާއްޖޭގައި ހުނަރުވެރި އަދި ޤާބިލު ޒުވާނުން ގިނަ އަދަދަކަށް ތިބި ނަމަވެސް، އެމީހުންގެ ޤާބިލުކަން ފުރިހަމައަށް ބޭނުންކުރެވޭނެ އޮނިގަނޑެއް ބޭނުންވާ ކަމަށެވެ.
ކޮމިޓީގެ މެންބަރު ޙުސައިން ޢަރުބާން ފަވާޒު ހާމަކުރެއްވި ގޮތުގައި، އިސްލާމީ ޔުނިވަރސިޓީން މި އޮނިގަނޑު އެކުލަވާލުމުގައި ކުރިން ކޮށްފައިވާ ދިރާސާތަކުން ފާހަގަކުރެވިފައިވާ ޒުވާނުންނަށް ދިމާވާ ގޮންޖެހުންތަކާއި އެކަންކަމަށް ހުށަހެޅިފައިވާ ހައްލުތައް އެންމެން ބޭނުންކުރެވޭނެ ގޮތަށް އެއް ލިޔުމަކަށް ގެނެވޭނެއެވެ. މީގެ އިތުރުން ޒުވާނުންގެ ޤައުމީ މަހާސިންތާއެއް ބާއްވައި، އެ މަހާސިންތާގައި ޒުވާނުންގެ ޤައުމީ ނެޓްވަރކެއް ޤާއިމުކުރެވޭނެ ކަމަށާއި، އެކި ދާއިރާތަކުގައި މަސައްކަތްކުރާ ޒުވާނުންނަށް އެމީހުންނަށް ދިމާވާ ދަތިތަކާއި ޝަކުވާތައް ހުށަހެޅުމުގެ ފުރުޞަތު ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ސިޔާސަތަކީ ޒުވާނުންގެ ތަރައްޤީއަށް މަގުފަހިކޮށް، އެމީހުންގެ ޤާބިލުކަން ޤައުމީ ތަރައްޤީއަށް ބޭނުންކުރެވޭނެ ގޮތްތައް ކަނޑައެޅުމަށް އެކުލަވާލެވޭ ފުރަތަމަ ޤައުމީ ފެންވަރުގެ ސިޔާސަތު ކަމުގައި ވާއިރު، މިއީ ސަރުކާރުން ޒުވާނުންނަށް ދޭ އަހަންމިއްޔަތުކަން ދައްކުވައިދޭ މުހިންމު ފިޔަވަޅެކެވެ.
ކޮމެންޓު ފޮނުވާ