ދުނިޔޭގެ އެންމެ ބޮޑު ސޮވްރިން ވެލްތް ފަންޑް ކަމުގައިވާ ނޯވޭގެ ދެ ޓްރިލިއަން ޑޮލަރުގެ ފަންޑުން އިޒްރޭލުގެ 11 ކުންފުންޏެއް ބޭރުކޮށްލައިފި އެވެ. މިއީ ގާޒާ އާއި ފަލަސްތީނުގެ ރައްޔިތުންނަށް އިޒްރޭލުން ކުރަމުންދާ އަނިޔާތަކާ ދެކޮޅަށް ނޯވޭ ސަރުކާރުން އަޅާފައިވާ ފިޔަވަޅެކެވެ.
ދުނިޔޭގެ ބޮޑެތި ގިނަ ކުންފުނިތަކެއްގައި އިންވެސްޓްކޮށްފައިވާ މި ފަންޑުން ބޭރުކުރި ކުންފުނިތަކުގެ ތެރޭގައި އިޒްރޭލުގެ އަސްކަރިއްޔާއާ ސީދާ ގުޅުން ހުރި ކުންފުނިތަކެއް ހިމެނެ އެވެ. އޭގެ ތެރޭގައި އިޒްރޭލު އަސްކަރިއްޔާގެ ހަނގުރާމަ މަތީ މަތިންދާ ބޯޓުތަކަށް މެއިންޓަނަންސް ޚިދުމަތްދޭ ކުންފުނިތަކާއި، ފައިޓާ ޖެޓްތަކާ ގުޅޭ ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތައް ހިމެނެ އެވެ.
ނޯވޭގެ މި ފަންޑުގައި ޖުމްލަ 61 އިޒްރޭލު ކުންފުންޏެއް އިންވެސްޓްކޮށްގެން ހަރަކާތްތެރިވާ ކަމަށް މަޢުލޫމާތު ލިބެ އެވެ. މި ފަންޑުގެ ސީއީއޯ ނިކޮލައި ޓަންގޭން ވިދާޅުވީ، މިހާރު ބޭރުކުރި 11 ކުންފުނީގެ ހިއްސާ އެއްކޮށް ވިއްކާލާފައިވާ ކަމަށާއި، ކުރިމަގުގައި އިތުރު ފިޔަވަޅުތަކެއް އެޅުމަށް ރާވާފައިވާ ކަމަށެވެ.
މިއީ ފަލަސްތީނުގެ ހާލަތާ ގުޅިގެން ނޯވޭގެ މި ބޮޑު ފަންޑުން އަޅާފައިވާ އެންމެ ފާހަގަކޮށްލެވޭ ފިޔަވަޅެވެ. ބައިނަލްއަޤްވާމީ ފެންވަރުގައި އިޒްރޭލަށް އިޤްތިޞާދީ ގޮތުން ޕްރެޝަރު އިތުރުވަމުންދާ ދަނޑިވަޅެއްގައި މި ފިޔަވަޅު އެޅިފައިވާއިރު، މިކަމުން އިޒްރޭލުގެ ކުންފުނިތަކަށް ނުސީދާ އަސަރުތަކެއް ކުރާނެ ކަމަށް ބެލެވެ އެވެ.
ކޮމެންޓު ފޮނުވާ