ސަރުކާރުގެ ހުރިހާ ޝައުގެއް ހުރީ ބ. ފުޅަދޫގެ ރައްޔިތުން ބޭނުންވާ ގޮތަށް، އެ އަމާޒަށް ތަރައްޤީ ގެންގޮސްދެއްވުމަށްކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހޯމަ ދުވަހު ބ. އަތޮޅުގެ މީހުން އުޅޭ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އަށް ވަނަ މަޒްޒިލްގެ ގޮތުގައި ރޭ ވަނީ ފުޅަދޫ އަށް ވަޑައިގެންފައެވެ.
ފުޅަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ފުޅަދޫގެ ތަރައްގީގެ ކަންކަމުގައި ރައްޔިތުން ދެއްވާ އެއްބާރުލުމާއެކު މި ސަރުކާރު ކުރިއަށް ދާނީ ސާބިތުކަމާއެކު ކަމުގައިކަމަށް ވިދާޅުވެފައެވެ.
މިވަގުތު ބ. ފުޅަދޫއަށް ދިމާވެފައިވާ މައްސަލަތަކަށް އަލިއަޅުއްވާލައްވަމުން، އެންމެ މުހިންމު އަދި އެންމެ ބޮޑު އެއް ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ، ފެނާއި ނަރުދަމާގެ މައްސަލައެވެ. ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް އަވަހަށް ނިމުމަކީ އާންމު ދިރިއުޅުމާއި ރަށުގެ ތަރައްޤީއަށް ނުހަނު މުހިންމު ކަމެއް ކަމުގައި ފާހަގަކުރައްވައި، މި ހިނގާ އޯގަސްޓް މަހުގެ ތެރޭގައި މަސައްކަތް ފަށައި، ބޮޑު އިސްކަމެއް ދެއްވައިގެން ބާރު ދުވެލީގައި އެމަސައްކަތް ކުރިއަށް ގެންގޮސް ނިންމަވައިދެއްވާނެ ކަމުގެ ޔަޤީންކަން، ރައީސް ވަނީ އެރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.
އެ ރަށުގައި އެކިއެކި ޚިދުމަތްތައް ދިނުމަށް ގެނެވޭ މުވައްޒަފުން ބޭތިއްބުމުގައި ދަތިތަކެއް ހުރިކަމަށާ، މި ދަތިތައް ފިލުވާލުމަށް ސަރުކާރުން އިސްކަންދޭންޖެހޭކަން ރައީސްގެ ވާހަކަފުޅުގައި ވަނި ފާހަގަކުރަށްވާފައެވެ. އެހެންކަމުން އެފަދަ މުވައްޒަފުން ތިބޭނެ އެކަމޮޑޭޝަން ބްލޮކެއް ސަރުކާރުން އަޅައިދިނުމަކީ ރައްޔިތުންނަށް މުހިންމު ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން މިމަޝްރޫޢު ކުރިއަށް ގެންގޮސްދެއްވާނެ ކަމުގެ ޔަޤީންކަން ރޭގެ ޖަލްސާގައި ރައީސް ވަނީ ދެއްވާފައެވެ.
ކޮމެންޓު ފޮނުވާ