ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުސްވެފައިވާ ދެ މަޤާމަށް 14 ބޭފުޅަކު ކުރިމަތިލައްވާފައިވާކަމަށް އެނގިއްޖެއެވެ. މި މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލި މުއްދަތު ހަމަވީ މިއަދު ކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.
ފުރަތަމަ ފަހަރު މި މަޤާމުތަކަށް ހުޅުވާލި އިޢުލާނާ ގުޅިގެން 17 ފަރާތަކުން ކުރިމަތިލެއްވި ކަމަށް ވީނަމަވެސް، އަލުން ފުރުޞަތު ހުޅުވާލަން ޖެހުނީ ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޝަހީދު އޭނާގެ ނަން އަނބުރާ ގެންދެވުމުންނެވެ.
މިފަހަރު ކުރިމަތިލެއްވި ފަރާތްތަކުގެ ތެރޭގައި ހައިކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން ހިމެނިވަޑައިގަންނަވާ ކަމާއި، އަދި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ވަކީލު އިބްރާހީމް ނާސިހް އާއި ފެމިލީ ކޯޓުގެ އިސް ޤާޟީ އިބްރާހީމް މާހިރު ވެސް ހިމެނިވަޑައިގަންނަވާ ކަމަށް މަޢުލޫމާތު ލިބެއެވެ. އެހެންމެ އެކި ކޯޓުތަކުގެ މެޖިސްޓްރޭޓުންނާއި ޤާޟީންގެ އިތުރުން ޤާނޫނީ ދާއިރާގައި މަސައްކަތްކުރައްވާ ވަކީލުން ވެސް މި މަޤާމުތަކަށް ކުރިމަތިލައްވާފައިވާ ކަމަށް ވެއެވެ.
ހައިކޯޓުގެ ފަނޑިޔާރުކަމަކީ މުހިންމު މަޤާމެއް ކަމުން، މި މަޤާމުގައި ހުންނަވާ ބޭފުޅުންނަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 45،700 ރުފިޔާ ލިބިވަޑައިގަންނަވާ ކަމަށާއި، މީގެ އިތުރުން ލިވިންގ އެލަވަންސްގެ ގޮތުގައި 18،000 ރުފިޔާ އާއި ރިސްކް އެލަވަންސްގެ ގޮތުގައި 3،300 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ.
މި ދެ މަޤާމު ހުސްވީ ހައިކޯޓުގެ ދެ ފަނޑިޔާރުން ސުޕްރީމް ކޯޓަށް ބަދަލުކުރެވުމާ ގުޅިގެންނެވެ. ކުރީގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު ސުޕްރީމް ކޯޓަށް އައްޔަންކުރެވުނީ ފަނޑިޔާރު ހުސްނުއްސުޢޫދުގެ އިސްތިއުފާއާ ގުޅިގެން ހުސްވި މަޤާމަށް ކަމަށާއި، ފަނޑިޔާރު މުހައްމަދު ސަލީމް އައްޔަންކުރެވުނީ މަހާޒު އަލީ ޒާހިރު އާއި ޑރ. އަޒްމިރާލްދާ ޒާހިރު ވަކިކުރެވުމާ ގުޅިގެން ހުސްވި މަޤާމުތަކުގެ ތެރެއިން އެއް މަޤާމަށެވެ.
ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރޭގައި އުމުރުން 25 އަހަރު ފުރިފައިވުމާއި، އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނުގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުމުގެ އިތުރުން، ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަމުގައި މަދުވެގެން 5 އަހަރުގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ.
ކޮމެންޓު ފޮނުވާ