ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ) އިން ޔުނިވަސިޓީގެ ކޯސްތަކަށް ވަދެވޭނެ ފަސޭހަ މަގެއް ތަނަވަސްކޮށްދިނުމުގެ ގޮތުން 'ވަން ސްޓޮޕް އެޑްމިޝަން' ޕްރޮގްރާމެއް ބާއްވާނެ ކަމަށް އެ ޔުނިވަސިޓީން އިއްޔެ އިއުލާނުކޮށްފި އެވެ. މި ޚާއްޞަ ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 21 ވަނަ ދުވަހު އެމްއެންޔޫގެ މައި މަރުކަޒުގައެވެ.
މި ޕްރޮގްރާމް ހިންގާނީ ދެ ސެޝަނެއްގެ ގޮތުގައި ކަމަށާއި، ފުރަތަމަ ސެޝަން އޮންނާނީ ހަވީރު 4:00 އިން 6:00 އަށް، ދެވަނަ ސެޝަން އޮންނާނީ ރޭގަނޑު 8:00 އިން 10:00 އަށް ކަމަށް އެމްއެންޔޫން މައުލޫމާތު ދީފައިވެ އެވެ. މި ހަރަކާތުގައި ޔުނިވަސިޓީގެ އެކި ފެކަލްޓީތަކާއި ސެންޓަރުތަކުން ހިންގާ ކޯސްތަކާ ބެހޭ ތަފްސީލީ މައުލޫމާތު ލިބޭނެ އެވެ.
މި ޕްރޮގްރާމުގެ އެންމެ ޚާއްޞަ ކަމަކީ، ކޯސްތަކަށް ކުރިމަތިލާ ފަރާތްތަކުގެ އޯލެވެލް ނުވަތަ އެހެނިހެން ތައުލީމީ ސަނަދުތަކުގެ ނަތީޖާތައް ބަލައި، ޝަރުތު ހަމަވާ ނަމަ، އެ ވަގުތުން އެޑްމިޝަން ލިބުނުކަމުގެ ލިޔުން ދޫކުރުމެވެ. މިގޮތަށް ފުރުސަތު ލިބޭނީ ޔުނިވަސިޓީގެ ކޯސްތަކުގައި ޖާގަ ހުރި މިންވަރަކުންނެވެ. މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ގެންނަންޖެހޭނީ ތައުލީމީ ނަތީޖާތަކުގެ ކަރުދާސްތަކާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑެވެ.
އެމްއެންޔޫއަކީ ރާއްޖޭގެ އެންމެ ބޮޑު ޔުނިވަސިޓީގެ ގޮތުގައި، ތަފާތު އެތައް ދާއިރާއަކުން ތައުލީމީ ފުރުސަތުތައް ފޯރުކޮށްދެމުން އަންނަ މުއައްސަސާއެކެވެ. މި ޔުނިވަސިޓީން ހިންގާ ކޯސްތަކުގެ ތެރޭގައި ފަތުރުވެރިކަން، ކަލިނަރީ އާޓްސް، ޖާނަލިޒަމް، ޕޮލިޓިކަލް ސައިންސް، ބިޒްނަސް، އެކައުންޓިން، އިކޮނޮމިކްސް، ޓީޗިން، ފިޝަރީޒް، ނާސިން، ސައިކޮލޮޖީ، ހެލްތު ސައިންސަސް، އާކިޓެކްޗާ އަދި އިންޓީރިއަ ޑިޒައިން، އިންފޮރމޭޝަން ޓެކްނޮލޮޖީ، ސިވިލް އެންޖިނިއަރިން، ސައިންސް، އެންވަޔަރަންމަންޓަލް މެނޭޖްމަންޓް، މެރިން ސައިންސް، މެރިޓައިމް ސްޓަޑީޒް، ޝަރީއާ އަދި ލޯ އަދި މެޑިސިން ފަދަ މުހިންމު ދާއިރާތައް ހިމެނެ އެވެ.
ކޮމެންޓު ފޮނުވާ