ދައުލަތަށް 7 މަހު ލިބުނު ޑޮލަރު އާމްދަނީ 38 ޕަސެންޓް އިތުރުވެއްޖެ

ދައުލަތަށް 7 މަހު ލިބުނު ޑޮލަރު އާމްދަނީ 38 ޕަސެންޓް އިތުރުވެއްޖެ

Author
ޙަސަން މުޙައްމަދު
12 އޮގަސްޓް 2025 08:50
0

މި އަހަރުގެ ފުރަތަމަ ހަތް މަހު ދައުލަތަށް ޑޮލަރު އާމްދަނީގެ ގޮތުގައި 880.4 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ.

މީރާގެ ތަފާސްހިސާބުތަކުން ފާހަގަކުރެވޭ ގޮތުގައި މި އަހަރުގެ ޖެނުއަރީން ޖުލައިގެ ނިޔަލަށް ލިބިފައިވާ ޑޮލަރު އާމްދަނީ އަކީ ފާއިތުވި އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 38 ޕަސެންޓްގެ ކުރިއެރުމެކެވެ. 2023 ވަނަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބިފައިވަނީ 637.8 މިލިއަން ޑޮލަރެވެ.

ޑޮލަރުން ލިބޭ އާމްދަނީގެ ތެރެއިން އެންމެ ބޮޑު ހިއްސާއެއް ލިބިފައިވަނީ ޓޫރިޒަމް ދާއިރާއިން ނަގާ ޖީއެސްޓީ (ޓީޖީއެސްޓީ) އިންކަން ތަފާސްހިސާބުތަކުން ދައްކައެވެ. ޓީޖީއެސްޓީގެ ގޮތުގައި 440.2 މިލިއަން ޑޮލަރު ލިބިފައިވާއިރު، އިންކަމް ޓެކްސްގެ ގޮތުގައި 108 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. ހަމައެއާއެކު ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި 67 މިލިއަން ޑޮލަރު ދައުލަތަށް ލިބިފައިވެ އެވެ.

އަދި ޑިޕާޗާ ޓެކުހުން 67.4 މިލިއަން ޑޮލަރު ލިބިފައިވާއިރު، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 68.1 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. މީގެ އިތުރުން ގްރީން ޓެކްސްގެ ގޮތުގައި 83 މިލިއަން ޑޮލަރު ދައުލަތަށް ލިބިފައިވާކަން މީރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ޑޮލަރު އާމްދަނީ މިހާ ބޮޑު މިންވަރަކަށް އިތުރުވެފައިވަނީ ޓޫރިޒަމް ދާއިރާގެ ކުރިއެރުމާއި ގުޅިގެން ކަމަށް ބެލެވެ އެވެ. ޚާއްސަކޮށް ޓޫރިސްޓުންގެ އަދަދު އިތުރުވުމާއި، ރިސޯޓުތަކުގެ އޮކިއުޕެންސީ ރޭޓް މަތިވުމުން ޓެކްސް އާމްދަނީ އިތުރުވަމުން އައިސްފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.