ބ. އޭދަފުށީ ހޮސްޕިޓަލަށް އާ އިމާރާތެއް އެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ މިރޭ ހަވާލުކޮށްފި އެވެ. މި މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ބ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މިރޭ އޭދަފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ތެރޭގަ އެވެ.
މި އެއްބަސްވުމުގައި ސިއްހީ ވުޒާރާގެ ފަރާތުން ވަޒީރު އަބްދުﷲ ނާޒިމް އަދި އާރްޑީސީގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމް ސޮއިކުރެއްވި އެވެ.
އޭދަފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ފާހަގަކުރެއްވީ، ހޮސްޕިޓަލުގެ އާ އިމާރާތް ނިމުމުން އާބަން ސެންޓަރުތަކުގައި ފޯރުކޮށްދޭ ފެންވަރުގެ ސިއްހީ ހިދުމަތްތައް އޭދަފުށިން ލިބޭނެ ކަމަށެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ، މާދަމާ އިން ފެށިގެން މެމޮގްރަފީގެ ހިދުމަތް އޭދަފުށީ ހޮސްޕިޓަލުން ފޯރުކޮށްދޭން ފަށާނެ ކަމަށާއި، އިތުރު ހިދުމަތްތައް ފެށުމަށް ވެސް ތައްޔާރުވަމުންދާ ކަމަށެވެ.
އެހެންނަމަވެސް މިހާރު ހޮސްޕިޓަލުގައި ހުރި އިމާރާތުގައި އިތުރު ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ޖާގަ ނެތް ކަމަށް ރައީސް ފާހަގަކުރެއްވި އެވެ. މި ސަބަބުން އޭދަފުށީ ހޮސްޕިޓަލަށް އާ އިމާރާތެއް އެޅުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް މުއިއްޒު މިހާރު ކުރައްވަމުންދާ ދަތުރުފުޅުގައި މިއަދު ހަވީރު ވަޑައިގަތީ އޭދަފުއްޓަށެވެ. މި ދަތުރުފުޅަކީ ބ. އަތޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ އަތޮޅުގެ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ކޮމެންޓު ފޮނުވާ