އަނެއްކާވެސް މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކަމުގެ ޝަކުވާ!

އަނެއްކާވެސް މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކަމުގެ ޝަކުވާ!

Author
ހުސައިން
12 އޮގަސްޓް 2025 12:17
0

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބޭ މުސާރައާއި އެލަވަންސްތައް ކުޑަކަމުގެ ޝަކުވާ އެކި މެންބަރުން އަނެއްކާވެސް ކުރައްވަން ފައްޓަވައިފިއެވެ. ބައެއް މެމްބަރުން މި ޝަކުވާ އާކުރެއްވީ މަޖިލީހުގެ އާންމު ކޮމިޓީގައި ގަވާއިދު އިސްލާހުކުރުމާ ގުޅޭގޮތުން މެންބަރުންގެ ޚިޔާލު ހޯދުމަށް ހުޅުވާލި ފުރުސަތުގައި ވާހަކަ ދައްކަވަމުންނެވެ.

އަލިފުށި ދާއިރާގެ މެންބަރު އަބްދުލްލަތީފް އަބްދުއްރަހްމާން ވިދާޅުވި ގޮތުގައި، ރައްޔިތުން ގަބޫލުކުރަނީ މަޖިލިސް މެންބަރުންނަށް 1 ލައްކަ ރުފިޔާ ނުވަތަ 85،000 ރުފިޔާގެ މުސާރައެއް ލިބޭކަމަށެވެ. އެކަމަކު ޙަޤީޤަތުގައި މެންބަރުންގެ އަސާސީ މުސާރައަކީ 42،500 ރުފިޔާ ކަމަށް އޭނާ ހާމަކުރެއްވިއެވެ. މަޖިލީހަށް ހާޒިރުނުވެ ނުވަތަ ސަލާމުގައި ހުންނަ ދުވަސްތަކުގައި މުސާރަ ލިބުނަސް ކޮމިޓީ އެލަވަންސް ނުލިބޭކަން އޭނާ ފާހަގަކުރެއްވިއެވެ.

ތިމަރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ރިޔާޒު ފާހަގަކުރެއްވި ގޮތުގައި، މަހު ނިމުމުން މެންބަރުން ކުރަންޖެހޭ ޚަރަދުތަކާ އެކު ދިރިއުޅެންޖެހެނީ ނުތަނަވަސްކަމުގެ ތެރޭގައެވެ. ޚާއްސަކޮށް މާލޭގައި ނުވަތަ މާލެ ސަރަހައްދުގައި ދިރިއުޅޭ މެންބަރުންނަށް މިކަން ދަތިކަމަށް އޭނާ ވިދާޅުވިއެވެ.

"މަޖިލިސް މެންބަރުންނަށް އެލަވަންސްގެ ގޮތުގައި ލިބެނީ 20،000 ރުފިޔާ. މާލެ ސަރަހައްދުގައި ތިން ކޮޓަރީގެ އެޕާޓްމަންޓެއް ކުއްޔަށް ހިފަންވެސް 24،000 ރުފިޔާ ޚަރަދުވޭ. އެހެންވީމާ މިކަމަށް ބަދަލު ގެނައުމަކީ މަޖިލިސް މެންބަރުންގެ ޒިންމާއެއް،" ރިޔާޒު ވިދާޅުވިއެވެ.

ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ވިދާޅުވި ގޮތުގައި، ރައްޔިތުން ގަބޫލުކުރަނީ މެންބަރުންނަށް ބޮޑު މުސާރައެއް ލިބޭކަމަށް ނަމަވެސް، 42،500 ރުފިޔާގެ އަސާސީ މުސާރައަކީ މިނިސްޓަރެއްގެ މުސާރައަށްވުރެ ވެސް ކުޑަ އަދަދެއް ކަމަށެވެ.

މަޖިލީހުގެ މެންބަރުންގެ މަސައްކަތާއި މަސްއޫލިއްޔަތުތަކާ އަޅާބަލާއިރު، ލިބޭ މުސާރައަކީ އެކަށީގެންވާ އަދަދެއް ނޫންކަމަށް މެންބަރުން ފާހަގަކޮށް، މިކަމަށް ރިޢާޔަތްކޮށްދިނުމަށް ކޮމިޓީގެ މުޤައްރިރަށް އިލްތިމާސް ކުރައްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.