ކައުންސިލްތަކުގެ އެކައުންޓްތަކުގައި ޚަރަދުނުކޮށް 1.4 ބިލިޔަން ރުފިޔާ ހުރިކަމަށް ރައީސް ވިދާޅުވެއްޖެ

ކައުންސިލްތަކުގެ އެކައުންޓްތަކުގައި ޚަރަދުނުކޮށް 1.4 ބިލިޔަން ރުފިޔާ ހުރިކަމަށް ރައީސް ވިދާޅުވެއްޖެ

Author
ހުސައިން
12 އޮގަސްޓް 2025 12:10
0

ރާއްޖޭގެ ކައުންސިލްތަކަށް މިދިޔަ އަހަރު ބްލޮކް ގްރާންޓްގެ ގޮތުގައި ދޫކުރި 2.2 ބިލިޔަން ރުފިޔާގެ ތެރެއިން 1.4 ބިލިޔަން ރުފިޔާ ޚަރަދުނުކޮށް އެކައުންޓްތަކުގައި ބަހައްޓާފައި ހުރިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިވާހަކަފުޅު ރައީސް ދެއްކެވީ އޭދަފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ބްލޮކް ގްރާންޓަކީ ޤާނޫނުގައި ބަޔާންކޮށްފައިވާ މުނިސިޕަލް ޚިދުމަތްތައް ފޯރުކޮށްދިނުމާއި ރައްޔިތުންނަށް ފައިދާހުރި ކަންކަން ކުރުމަށް ދޫކުރާ ފައިސާކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން މިފައިސާ ޚަރަދުކުރުމަކީ ކައުންސިލްތަކުގެ ޒިންމާއެއްކަމަށާއި، ނަމަވެސް އަހަރު ނިމުނުއިރު ދޫކުރި ފައިސާގެ ދެބައިކުޅަ އެއްބައި ޚަރަދުނުކޮށް ހުރިކަން ރައީސް ފާހަގަކުރެއްވިއެވެ.

"މިފައިސާ ކައުންސިލްތަކަށް މިދެނީ މުނިސިޕަލް ޚިދުމަތްތައް ދިނުމަށް. އެހެންވީމަ އެފައިސާ ޚަރަދުކުރުމަކީ ކައުންސިލްތަކަށް ލާޒިމްކަމެއް. ރައްޔިތުންނަށް ހެޔޮ ކަންކަން ކޮށްދޭން. ޤާނޫނުގައި ބުނާ މުނިސިޕަލް ޚިދުމަތްތައް ރަނގަޅު ކޮށްދިނުމަށް. އެކަމަކު އަހަރު ނިމުނުއިރު ދެބައިކޮށްފައި އެއްބައި ޚަރަދުނުކޮށް މިހުރީ،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަހަރުގެ މިހާތަނަށް އައިއިރުވެސް ކައުންސިލްތަކުން ބްލޮކް ގްރާންޓްގެ ފައިސާގެ ބޮޑު ބައެއް ރައްކާކުރަމުން އަންނަކަމަށާއި، އެފައިސާ ރައްކާކުރަނީ ކޮން ބޭނުމަކަށްކަން ކައުންސިލްތަކުން ސާފުކޮށް ނުދޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އަދި ބައެއް ކައުންސިލްތަކުން ބްލޮކް ގްރާންޓުގެ ފައިސާއިން ރާއްޖެއިން ބޭރަށް ތަޖުރިބާ ދަތުރުތައް ކުރުންފަދަ ބޭކާރު ޚަރަދުތައް ކުރާކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މިފަދަ ކަންކަން ހުއްޓާލައި، ސަރުކާރުން ދޫކުރާ ފައިސާ ރައްޔިތުންނަށް ފައިދާހުރި ކަންކަމަށް ބޭނުންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކައުންސިލްތަކަށް އިލްތިމާސްކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.