ހުޅުމާލޭގައި ފުލުހުންގެ ޒަމާނީ ޑާޓާ ސެންޓަރެއް ގާއިމްކުރަން ފަށައިފި

ހުޅުމާލޭގައި ފުލުހުންގެ ޒަމާނީ ޑާޓާ ސެންޓަރެއް ގާއިމްކުރަން ފަށައިފި

Author
ހުސައިން
11 އޮގަސްޓް 2025 02:43
0

ހުޅުމާލެ ފޭސް 2 ގައި ފުލުހުންގެ އަލަށް ގާއިމްކުރާ ޑާޓާ ސެންޓަރުގެ އިމާރާތުގެ ބިންގާ މިއަދު އަޅައިފިއެވެ. މި ޑާޓާ ސެންޓަރަކީ ޔޫއޭއީގެ ސައިބާ ސެކިއުރިޓީ ކައުންސިލުގެ ފަންނީ އެހީތެރިކަމާއެކު، އެންމެ ފަހުގެ ޓެކްނޮލޮޖީ އާއި ވަސީލަތްތައް ހިމެނޭ ގޮތަށް ތަރައްގީކުރާ މަރުކަޒެކެވެ.

ހުޅުމާލޭގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި ޑާޓާ ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ޔޫއޭއީގެ ސައިބާ ސެކިއުރިޓީ ހެޑް ޑރ. މުހައްމަދު އަލް ކުވައިތީ އާއި، ހޯމް މިނިސްޓަރު އަލީ އިހުސާން އާއި، ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީން އެވެ. މި ރަސްމިއްޔާތުގައި ޔޫއޭއީގެ ސައިބާ ސެކިއުރިޓީ ކައުންސިލުގެ ކަމާބެހޭ އިސްވެރިންނާއި، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުން ބައިވެރިވިއެވެ.

މި އަލަށް ގާއިމްކުރެވޭ ސެންޓަރުގެ ސަބަބުން ފުލުހުންގެ ހިދުމަތްތައް ޒަމާނީ ގޮތަކަށް ބަދަލުކުރެވި، ކުށްތައް ހުއްޓުވުމާއި ގާނޫނު ތަންފީޒުކުރުމުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ފުލުހުން ފާހަގަކުރެ އެވެ. ޑިޖިޓަލް ޒަމާނުގައި އިތުރުވަމުންދާ ސައިބާ ކުށްތަކާ ދެކޮޅަށް މަސައްކަތްކުރުމަށް މި ސެންޓަރުން ބޮޑު އެހީތެރިކަމެއް ލިބޭނެ އެވެ.

މީގެ އިތުރުން، ފުލުހުންގެ ސައިބާ ސެކިއުރިޓީ އޮޕަރޭޝަންސް ސެންޓަރު (ސީއެސްއޯސީ) ވެސް މިއަދު ރަސްމީކޮށް ހުޅުވާލެވުނެވެ. މި ސެންޓަރު ޑިޒައިންކޮށްފައިވަނީ ރާއްޖޭގެ ސައިބާ ސްޕޭސްގައި "ޝީލްޑް އެންޑް ވޮޗްޓަވަރު" އެއްގެ ގޮތުގައި މަސައްކަތްކުރުމަށެވެ. މި ސެންޓަރުގެ މައިގަނޑު މަގުސަދަކީ ޑިޖިޓަލް ދާއިރާގައި ކުރިމަތިވާ ނުރައްކާތައް އަވަހަށް ދެނެގަނެ، އެ ނުރައްކާތަކާ ދެކޮޅަށް ފިޔަވަޅު އެޅުމާއި، ސައިބާ ކުށްތައް މަދުކުރުމެވެ.

މި ދެ މުހިންމު މަރުކަޒު ގާއިމްކުރުމަށް ބޭނުންވާ ޓެކްނިކަލް ވަސީލަތްތަކާއި އާލާތްތައް ފޯރުކޮށްދީފައިވަނީ ޔޫއޭއީގެ ފުރިހަމަ އެއްބާރުލުމާއެކު ކަމަށް ފުލުހުން ހާމަކުރި އެވެ. މި މަޝްރޫއަކީ ރާއްޖޭގެ ސައިބާ ސެކިއުރިޓީ ދާއިރާ ހަރުދަނާކުރުމަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް ކަމުގައި ވިދާޅުވެ، އެތައް ފަރާތްތަކުން މި މަޝްރޫއަށް މަރުހަބާ ކިޔާފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.