ހުޅުމާލޭގައި އެންސިސް ކުންފުނިން ހިންގަމުންދިޔަ ކޭނަރީ، ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ ބެލުމުގެ ދަށަށް ގެނައުމުގެ ކުރިން އެ ތަނުގެ ފުރިހަމަ އޮޑިޓެއް ހަދައި މި މުއާމަލާތް ސީރިއަސްކޮށް ބަލަން ހުޅުމާލޭ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހްމަދު ޝަމްހީދު މިއަދު ގޮވާލައްވައިފިއެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި ތެޔޮ ކުންފުނި އެފްއެސްއެމުގެ 28.3 މިލިއަން ރުފިޔާގެ ޑީސަލް ގެއްލުނު މައްސަލައިގެ އޮޑިޓް ރިޕޯޓު ދިރާސާކުރި މާލިއްޔަތު ކޮމިޓީގެ ރިޕޯޓަށް ބަހުސްކުރައްވަމުން މާލިއްޔަތު ކޮމިޓީގެ މެންބަރު ކަމުގައިވެސް ހުންނަވާ ޝަމްހީދު ވިދާޅުވީ، ޔާމީނާއި އެ ސަރުކާރުގެ އިސްވެރިން މި ތުހުމަތު ކުރައްވާފައިވާތީ، މިފަދަ މުއާމަލާތްތައް ހިންގާ ގޮތް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީންވެސް ބަލަންޖެހޭނެ ކަމަށެވެ.
"އަޅުގަނޑު ގޮވާލަން، މިފަދަ މުއާމަލާތްތައް ހިންގާ ކަމަށްވާ ނަމަ އެންމެ ފުރަތަމަ މިނިވަން އޮޑިޓެއް ހަދަން، އިންޑިޕެންޑެންޓް އިވެލުއޭޝަނެއް ހަދަން، އިންޑިޕެންޑެންޓް ބަޔަކު ލައްވައި އެ ތަނުގެ އިވެލުއޭޝަނެއް ހަދަން،" ޝަމްހީދު ވިދާޅުވިއެވެ. އަދި މި ތަނަކީ ދައުލަތަށް ކޮންމެހެން މުހިންމު ތަނެއްތޯ ވެސް ކަނޑައަޅަން ޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ގާތްގަނޑަކަށް 25 މިލިއަން ޑޮލަރު ޚަރަދުކޮށް، ޖަރުމަންވިލާތުގެ ޑިވެލޮޕްމަންޓް ބޭންކުން ފަންޑު ހޯދައިގެން އެންސިސް ކުންފުނިން ހުޅުވި މި ކޭނަރީ ހުއްޓުނީ 2023 ވަނަ އަހަރު، މިފްކޯއިން މަސް ގަންނަ އަގު 25 ރުފިޔާއަށް ބޮޑުކުރުމުންނެވެ. ދުވާލަކު 25 ޓަނުގެ މަސް ބަންދުކުރުމުގެ ގާބިލުކަން ލިބިފައިވާ މި ކޭނަރީ ހުއްޓިފައި އޮތްތާ މިހާރު ވަނީ ދޮޅު އަހަރު ވެފައެވެ.
މިފްކޯއިން ހޮނިހިރު ދުވަހު އިއުލާނުކުރި ބަޔާނުގައި ބުނެފައިވަނީ، މަސް ގަތުމާއި ރައްކާކުރުމުގެ ގާބިލުކަން އިތުރުކުރުމަށް ޓަކައި ސަރުކާރުގެ އެހީތެރިކަމާއެކު ބޮޑެތި އިންވެސްޓްމެންޓްތައް ކުރަމުން އަންނަ ކަމަށާއި، އެންސިސް ކޭނަރީގެ ޕްރޮސެސިން ކެޕޭސިޓީ ހޯދުމަށް ދިރާސާތައް ކުރުމަށްފަހު އެ ތަން މިފްކޯގެ ބެލުމުގެ ދަށަށް ގެނައުމަށް މަޝްވަރާކުރަމުން އަންނަ ކަމަށެވެ. މިފްކޯއަށް ދަތިތައް ދިމާވި މައިގަނޑު ސަބަބަކީ މަސް ގަތުމަށް ބޭނުންކުރާ އުޅަނދުފަހަރާއި މެޝިނަރީތައް މަރާމާތުކޮށް ބެލެހެއްޓުން ލަސްވުން ކަމަށް އެ ކުންފުނިން ބުނެއެވެ.
ނަމަވެސް ޔާމީން ރޭ ވިދާޅުވީ، އެންސިސް ކުންފުންޏަކީ 10 މިލިއަން ޑޮލަރަށް ވެސް ޕްރައިވެޓް ސެކްޓަރުން ގަނެ އަތްލަން ބޭނުންނުވި ބައެއް ކަމަށާއި، މިފްކޯވެސް މިހާރު އުޅެނީ ދެކޮޅު ނުޖެއްސިގެން ކަމަށެވެ. މި މުއާމަލާތުގެ ފަހަތުގައި ހުންނަވަނީ މިނިސްޓަރު މޫސާ ޒަމީރު ކަމަށް ޔާމީން ތުހުމަތުކުރައްވައި ވިދާޅުވީ، އެންސިސްއާ ވަރަށް ގާތް ގުޅުމެއް ޒަމީރާ އޮންނަ ކަމަށާއި، މި ޑީލް ނިމުމުން ޒަމީރު ދުބާއީއަށް ދިރިއުޅުން ބަދަލުކުރައްވާނެ ކަމަށް އެމަނިކުފާނަށް އިވިވަޑައިގަންނަވާ ކަމަށެވެ.
މިހާރު މަސް ޕްރޮސެސް ނުކުރި ނަމަވެސް، އެންސިސް ކުންފުނިން އަދިވެސް މަސް އެކްސްޕޯޓް ކުރަމުން ގެންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ކޮމެންޓު ފޮނުވާ