ރަށްރަށުގެ މަގުތައް ހަދަން ވާނީ ގުދުރަތީ ރީތިކަން ދަމަހައްޓައިގެން: ރައީސް

ރަށްރަށުގެ މަގުތައް ހަދަން ވާނީ ގުދުރަތީ ރީތިކަން ދަމަހައްޓައިގެން: ރައީސް

Author
ހުސައިން
11 އޮގަސްޓް 2025 12:25
0

ހުރިހާ ރަށެއްގައި ވެސް ތާރު އަޅައިގެން ނުވަތަ ގާ އަތުރައިގެން މަގުތައް ހެދުމަކީ މުހިންމު ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ބ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގައި ކަމަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ޚާއްޞަކޮށް ފަތުރުވެރިކަން ތަރައްޤީވަމުންދާ ރަށްރަށުގައި ގުދުރަތީ ރީތިކަން ދަމަހައްޓައިގެން މަގުތައް ހެދުމަށް އިސްކަންދެއްވާނެ ކަމަށެވެ.

“ޓޫރިޒަމްގެ ގެސްޓްހައުސްތައް ތަރައްޤީވަމުންދާ ރަށްރަށުގައި، ވީހާވެސް ބޮޑަކަށް ގުދުރަތީ ރީތިކަން ބެލެހެއްޓޭ ގޮތަށް މަގުހެދުމަކީ މުހިންމު ކަމެއް. ރައްޔިތުން ބޭނުންވަނީ މަގުތައް ރީތިކޮށް ބެހެއްޓުމާއެކު، ފެން ބަރާބަރަށް ހިނދޭ ޑްރެއިނޭޖް ނިޒާމެއް ޤާއިމުކުރުން ކަމަށްވާނަމަ، އެ ކޮންސެޕްޓުގައި ކުރިއަށްދާނަން،” ރައީސް ވިދާޅުވިއެވެ.

ކަމަދޫ މަގުހެދުމުގެ މަޝްރޫޢަށް ބަޖެޓް ހަމަޖެހި، ކޮންޓްރެކްޓަރ ހޯދުމުގެ މަރުޙަލާގައި އޮތްކަން ފާހަގަކުރެއްވި ރައީސް، އެ ރަށުގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް ރޭވިފައިވާކަން ހާމަކުރެއްވިއެވެ.

ކަމަދޫ ސްކޫލަކީ ޖާގައިގެ ގޮތުން ވަރަށް ދަތިވެފައިވާ ތަނެއްކަން ފާހަގަކުރައްވައި، މިއަދު ސޮއިކުރެވުނު އާ އިމާރާތުން ސްކޫލަށް ބޭނުންވާ ހުރިހާ ވަސީލަތްތައް ފުރިހަމަވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ. ހަމައެއާއެކު، ސީޕްލޭން ހިދުމަތް ފެށުމުން ލޯކަލް ޓޫރިޒަމް ބޮޑަށް ތަރައްޤީވެފައިވާ ކަމަދޫއަށް ބޮޑު އިޤްތިޞާދީ ފައިދާއެއް ކުރާނެކަމަށް ވިދާޅުވިއެވެ.

ޞިއްޙީ ހިދުމަތްތައް ފުޅާކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާކަމަށް ވިދާޅުވެ، ކަމަދޫ ހެލްތު ސެންޓަރުގެ ވަސީލަތްތަކާއި ޖާގަ އިތުރުކޮށް، 24 ގަޑިއިރު ހިދުމަތް ދިނުމަށް މަސައްކަތްކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ. މި މަހުގެ ތެރޭގައި ކޮންޓްރެކްޓަރާ ހަވާލުކޮށް، މި އަހަރު ތެރޭގައި އަމަލީ މަސައްކަތް ފެށޭނެކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ފުޓްބޯޅަ ދަނޑުގެ ޓާފް އެޅުމަށް ބޭނުންވާ ތަކެތި ގެނައުމަށް އެސްޓީއޯއާ ހަވާލުކޮށް، މި އަހަރު ތެރޭގައި ނިންމާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި ބަނދަރުގެ ބާކީ މަސައްކަތްތައް ނިންމުމާއި، ގިރާ ސަރަޙައްދު ހިމާޔަތްކުރުމަށް ބޮޑުހިލަ އެޅުމުގެ މަސައްކަތް ވެސް އަވަހަށް ފެށޭނެކަމަށް ވިދާޅުވިއެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި، ކުރިން ކަމަދޫ އޮތީ އަތޮޅުގެ ތަރައްޤީގެ ލިސްޓުގައި ފަހަތުގައި ނަމަވެސް، މިހާރު ހަމަހަމަކަމާއެކު ހުރިހާ ރަށަކަށް ތަރައްޤީ ގެނައުމުގެ ސިޔާސަތެއް ތަންފީޒުކުރައްވާނެއެވެ.​​​​​​​​​​​​​​​​

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.