ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މާސްޓާކާޑް ގުޅިގެން ޒަމާނީ ޓޫރިޒަމް އިންސައިޓް ޑޭޓާ ޕްލެޓްފޯމެއް ވިޒިޓް މޯލްޑިވްސްއަށް ތައާރަފުކޮށްފިއެވެ.
މި އައު ޕްލެޓްފޯމަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ފަތުރުވެރިންގެ ޚަރަދުކުރުމުގެ އާދަތަކާއި އެމީހުން އިސްކަންދޭ ކަންކަމާ ގުޅޭ މުހިންމު މައުލޫމާތު ފޯރުކޮށްދޭނެ ނިޒާމެކެވެ. މި ޑޭޓާ ބޭނުންކޮށްގެން ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް ކުރިއެރުމުގެ އައު ފުރުސަތުތައް ދެނެގަނެ، ފަތުރުވެރިންގެ ދަތުރުގެ ކޮންމެ މަރުހަލާއެއްގައި ވެސް އެމީހުންނަށް ފޯރުކޮށްދޭ ތަޖުރިބާ ރަނގަޅުކުރެވޭނެއެވެ.
ބީއެމްއެލްގެ ފަރާތުން ބުނެފައިވާ ގޮތުގައި، މި ޕްލެޓްފޯމުން ލިބޭ މައުލޫމާތުގެ އަލީގައި ވިޔަފާރިތަކަށް އެންމެ ފައިދާހުރި ނިންމުންތައް ނިންމުމުގެ ގާބިލުކަން އިތުރުވެ، ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓިން ސްޓްރެޓެޖީތައް ވެސް ހަރުދަނާކުރެވޭނެއެވެ.
ވިޒިޓް މޯލްޑިވްސް ނުވަތަ ކުރީގެ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަން ދުނިޔެއަށް އިޝްތިހާރުކުރުމަށް ޚާއްސަކޮށް އުފައްދާފައިވާ ސަރުކާރު ކުންފުންޏެވެ.
މީގެ އިތުރުން، ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ތަރައްގީކުރުމަށް ފަސް އަހަރުދުވަހުގެ ޚާއްސަ ޕްރޮގްރާމެއް ބީއެމްއެލް، ހޯމް މިނިސްޓްރީގެ ދަށުން ހިންގާ އެންސީއައިޓީ އަދި މާސްޓާކާޑް ގުޅިގެން މިއަދު އިފްތިތާހުކޮށްފިއެވެ. މި ޕްރޮގްރާމްގެ ބޭނުމަކީ ޑިޖިޓަލް އައިޑީ އާއި ޕޭމަންޓް ނިޒާމުތައް ޒަމާނީކޮށް، ރައްޔިތުންނަށް ރައްކާތެރި އަދި ހަރުދަނާ ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދިނުން އިތުރުކުރުމެވެ.
ކޮމެންޓު ފޮނުވާ