ޗައިނާ މާކެޓުން 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި

ޗައިނާ މާކެޓުން 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި

Author
ހުސައިން
10 އޮގަސްޓް 2025 03:48
0

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ފޮނުވާ ޤައުމު ކަމަށްވާ ޗައިނާއިން މިއަހަރުގެ ތެރޭގައި 203,686 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. މިއީ މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ ތެރެއިން 15 އިންސައްތަ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން އޮގަސްޓް 9 ވަނަ ދުވަހާ ހަމައަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ ޖުމްލަ 1,354,146 ފަތުރުވެރިންނެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި ރާއްޖެ ޒިޔާރަތްކުރި 1,240,992 ފަތުރުވެރިންނާ އަޅާބަލާއިރު، މިއަހަރު ފަތުރުވެރިންގެ އަދަދު 9.1 އިންސައްތައިން އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ.

ޗައިނާގެ އިތުރުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ފޮނުވާ ޤައުމުތަކުގެ ތެރޭގައި ރަޝިއާއިން 160,349 ފަތުރުވެރިންނާއި، އިނގިރޭސިވިލާތުން 125,500 ފަތުރުވެރިން ހިމެނެއެވެ. އަދި އިޓަލީއިން 96,479 ފަތުރުވެރިންނާއި، ޖަރުމަނުވިލާތުން 94,335 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އިންޑިއާއިން 77,366 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެމެރިކާއިން 40,824 ފަތުރުވެރިންނާއި، ފްރާންސުން 38,694 ފަތުރުވެރިން، ސްޕެއިންއިން 28,028 ފަތުރުވެރިންނާއި، ސްވިޒަރލޭންޑުން 25,873 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ރާއްޖެއަށް އެވްރެޖުކޮށް ދުވާލަކު 6,127 ފަތުރުވެރިން ޒިޔާރަތްކުރެއެވެ. ފަތުރުވެރިންގެ ތެރެއިން 991,945 ފަތުރުވެރިން ރިސޯޓްތަކުގައި ޗުއްޓީ ހޭދަކޮށްފައިވާއިރު، 297,081 ފަތުރުވެރިން ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ.

ޓޫރިޒަމް މިނިސްޓްރީން ފަތުރުވެރިންނަށް ހިދުމަތްދިނުމަށްޓަކައި 1,247 ތަނަކަށް ހުއްދަ ދޫކޮށްފައިވާއިރު، މިހާރު ހިދުމަތްދެމުންދަނީ 1,239 ތަނަކުންނެވެ. މީގެ ތެރޭގައި 175 ރިސޯޓާއި، 890 ގެސްޓްހައުސާއި، 158 ސަފާރީއާއި، 16 ހޮޓަލް ހިމެނޭކަމަށާއި، މިތަންތަނުގެ ޖުމްލަ ބެޑް ކެޕޭސިޓީއަކީ 64,209 ކަމަށް މިނިސްޓްރީން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.