އިސްރާއީލާއެކު 35 ބިލިއަން ޑޮލަރުގެ ގޭސް ޑީލްގައި މިސްރު ސޮއިކުރުމުން ފާޑުކިޔުން އަމާޒުވެއްޖެ

އިސްރާއީލާއެކު 35 ބިލިއަން ޑޮލަރުގެ ގޭސް ޑީލްގައި މިސްރު ސޮއިކުރުމުން ފާޑުކިޔުން އަމާޒުވެއްޖެ

Author
ހުސައިން
10 އޮގަސްޓް 2025 08:54
0

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކާއެކު، ބައިލައްކައަށްވުރެ ގިނަ ފަލަސްތީނުންނަށް ޝަހީދުވެފައި ވަނިކޮށް، މިސްރުން ބުރާސްފަތި ދުވަހު އިސްރާއީލާއެކު 35 ބިލިއަން ޑޮލަރުގެ ގުދުރަތީ ގޭސް ގަތުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މެޑިޓަރޭނިއަން ކަނޑުގައި އޮންނަ ލެވިއަތަން ގޭސް ފީލްޑުން 2040 އާ ހަމައަށް ޖުމްލަ 130 ބިލިއަން ކިއުބިކް މީޓަރުގެ ގޭސް މިސްރަށް ވިއްކުމަށް މި އެއްބަސްވުމުގައި ހިމެނެއެވެ. މިއީ އިސްރާއީލްގެ ތާރީޚުގައި ސޮއިކުރެވުނު އެންމެ ބޮޑު އެކްސްޕޯޓް ޑީލްކަމަށް ބެލެވެއެވެ.

ޣައްޒާއަށް 2023 ގައި ހަމަލާދޭން ފެށުމަށްފަހު، އިސްރާއީލުން މިސްރާއި އުރުދުނަށް ކުރާ ގޭސް އެކްސްޕޯޓް 13% އިތުރުވެފައިވާއިރު، 2024 ގައި ގޭސް ރޯޔަލްޓީން އިސްރާއީލް ސަރުކާރަށް ލިބުނު އާމްދަނީ 11% އިތުރުވެ 694 މިލިއަން ޑޮލަރަށް އަރާފައިވެއެވެ.

2026 ގައި ފެށޭނެކަމަށް ލަފާކުރާ މި ޑީލްގެ ދަށުން، މިހާރު އަހަރަކު 4.7 ބިލިއަން ކިއުބިކް މީޓަރުން މިސްރަށް ފޯރުކޮށްދޭ ގޭސްގެ މިންވަރު 6.7 ބިލިއަން ކިއުބިކް މީޓަރަށް އިތުރުވާނެއެވެ. 2029 ގައި އިސްރާއީލުން މިސްރަށް އައު ޕައިޕްލައިނެއް އެޅުމަށްފަހު، އަހަރެއްގެ މައްޗަށް 13 ބިލިއަން ކިއުބިކް މީޓަރު ގޭސް ފޯރުކޮށްދެވޭނެއެވެ.

ހައިފާގެ ހުޅަނގުން 120 ކިލޯމީޓަރު ދުރުގައި، 1.7 ކިލޯމީޓަރުގެ ފުންމިނުގައި އޮންނަ ލެވިއަތަން ފީލްޑްގައި 600 ބިލިއަން ކިއުބިކް މީޓަރު ގޭސް އެކުލެވޭކަމަށް އަންދާޒާކުރެވެއެވެ. މި ފީލްޑްގައި އިސްރާއީލްގެ ނިއުމެޑް އެނަރޖީއަށް 45.3%، އެމެރިކާގެ ޝެވްރޯނަށް 39.66% އަދި ރޭޝިއޯ އޮއިލަށް 15% ހިއްސާ އޮވެއެވެ.

ފަލަސްތީނުންގެ ބިން ފޭރިގަނެ، އެ ސަރަހައްދުގެ ވަސީލަތްތައް ބޭނުންކޮށްގެން އިސްރާއީލުން ކުރާ މި ވިޔަފާރިތަކުން، ޓެކްސާއި ރޯޔަލްޓީގެ ގޮތުގައި ސަތޭކަ މިލިއަން ޝެކެލް އިސްރާއީލް ސަރުކާރަށް ލިބޭނެކަމަށް ވަނީ އަންދާޒާކުރެވިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.