ހުޅުމާލޭގައި ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވަމުން ދިޔަ ކާރެއް މަޑުކުރުމަށް ފުލުހުން އެންގުމަށްފަހުވެސް މަޑުނުކޮށް ދުއްވަމުން ދިޔުމުން، އެ ކާރު ފަހަތުން ދުއްވަމުން ދިޔަ ފުލުހުންގެ ސައިކަލުގައި ޖައްސާފައި ވައްޓާލައިފައިވާ ކަމުގެ މައްސަލައެއް ފެންމަތިވެއްޖެއެވެ.
މިހާދިސާ ހިނގާފައިވަނީ ހުޅުމާލެ ފޭސް 1 އާއި ފޭސް 2 ސަރަހައްދުގައެވެ. ފުލުހުން މަޢުލޫމާތު ދެއްވާގޮތުގައި، ކާރު ދުއްވަމުން ދިޔައީ ނުރައްކާތެރި ބާރު ސްޕީޑެއްގައެވެ. އަދި ފުލުހުން މަޑުކުރުމަށް އެންގުމުންވެސް ކާރު ހުއްޓާނުލައި ދުއްވަމުން ގޮސްފައިވެއެވެ.
ހާދިސާގައި ފުލުހަކަށް އަނިޔާވެފައިވާއިރު މިވަގުތު އެފަރާތަށް ދަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. އެ ފަރާތުގެ ހާލަތާ ގުޅޭ އިތުރު މަޢުލޫމާތެއް މިވަގުތު ހާމަކޮށްފައެއް ނުވެއެވެ.
މި ހާދިސާއާ ގުޅިގެން ކާރު ދުއްވި ފިރިހެން މީހާ އަދި އޭނާއާއެކު ކާރުގައި ދަތުރުކުރި އަންހެން މީހާ ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު ފުލުހުން ދަނީ މިވަގުތު ސީންގައި ހަރަކާތްތެރިވަމުންނެވެ.
ކޮމެންޓު ފޮނުވާ