ފުލުހުންގެ ހުވާ ނުކުރާކަމަށް ބުނާ ކޮންސްޓަބަލް: ކޯޓުގައި ބުނީ މަގާމުގެ ހުވާ ނުކުރީ ބިރުން ކަމަށް

ފުލުހުންގެ ހުވާ ނުކުރާކަމަށް ބުނާ ކޮންސްޓަބަލް: ކޯޓުގައި ބުނީ މަގާމުގެ ހުވާ ނުކުރީ ބިރުން ކަމަށް

Author
ހުސައިން
09 އޮގަސްޓް 2025 07:25
0

މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެއްޗާއި ދުންފަތާ، ނެނޯ ސްޓިކް އަދި ވޭޕު ވިއްކުމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު ފުލުހުންގެ ސްޕެޝަލް ކޮންސްޓަބަލް މުހައްމަދު ސާޖިދު އަހުމަދު، ފުލުހުންގެ މަގާމުގެ ހުވާ ނުކުރާކަމަށް ކޯޓުގައި ބުނެފައިވެއެވެ. ގދ. ތިނަދޫގައި ދިރިއުޅޭ ސާޖިދުގެ ގެއާއި ސައިކަލް ބަލާފާސްކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ ދުންފަތާއި، ނެނޯ ސްޓިކާއި ވޭޕުގެ އިތުރުން ވޭޕް ކާޓްރިޖާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 191.92 ގްރާމްގެ ތަކެތި ފެނުނުކަމަށް ފުލުހުން ބުނެއެވެ.

މިދިޔަ މޭ މަހުގެ ތެރޭގައި ފުލުހުންގެ ޚިދުމަތާ ގުޅުނު ސާޖިދު، މޭ 7 ވަނަ ދުވަހުން ފެށިގެން ފުލުހުންގެ ޚިދުމަތުގައި ހުރިނަމަވެސް، މަގާމުގެ ހުވާކޮށްފައި ނުވާކަމަށް އޭނާގެ ދިފާޢީ ވަކީލު އަހުމަދު ޔާމީން ބުނެފައިވެއެވެ. ސާޖިދު ބުނި ގޮތުގައި، ކޮންސްޓަބަލަރީ ހުވާގެ ރަސްމިއްޔާތަށް ދިޔަނަމަވެސް، ﷲ ގަންދީކުރަންޖެހޭ ހުވައެއް ވީމަ ބިރުގަތުމުން ހުވާ ނުކުރިކަމަށެވެ.

ކޯޓުން ސާޖިދު ދޫކޮށްލުމުން، އެ މައްސަލަ އިސްތިއުނާފް ކުރުމުގެ މަސައްކަތް ޕީޖީ އޮފީހާއެކު ކުރިކަމަށް ފުލުހުން ބުނެއެވެ. ހައިކޯޓުގައި ދައުލަތުން ބުނެފައިވަނީ، ވޭޕަކީ ގާނޫނަކުން މަނާކޮށްފައިވާ އެއްޗެއް ކަމަށާއި، ގާނޫނުގައި މަނާ ކަމެއް ކުރުމުގެ ތުހުމަތު ކުރެވެނީ ހުވާކޮށްގެން ހުރި ފުލުހަކަށް ކަމަށެވެ. ދައުލަތުގެ ވަކީލުން ބުނި ގޮތުގައި ސާޖިދަކީ ސްޕެޝަލް ކޮންސްޓަބަލަރީގެ ހުވާކޮށް، ހުވާގެ އިގުރާރުގައި ސޮއިކޮށްފައިވާ މީހެކެވެ.

މި މައްސަލައިގެ އިސް ފަނޑިޔާރު މުހައްމަދު ނިޔާޒު ވިދާޅުވީ، ހުވާ ކުރުމުގެ ރަސްމިއްޔާތަށް ހާޒިރުވެ، ވަޒީފާގައި އެތައް ދުވަހަކު ހުރެފައި، މަގާމުގެ ހުވައެއް ނުކުރަމޭ ބުނުމަކީ ގަބޫލުކުރެވޭ ކަމެއް ނޫންކަމަށެވެ. މިފަދަ ކަމެއް ބަލައިގަތުމަކީ ފުލުހުންނާއި ސިފައިންގެ މަގާމުގައި ތިބޭ މީހުންނަށް އޮންނަ އިތުބާރު ގެއްލޭ ކަމެއްކަމަށް ފަނޑިޔާރު ފާހަގަކުރެއްވިއެވެ. މައްސަލައިގެ އަޑުއެހުންތައް ނިމި، ހުކުމް ކުރުމުގެ އަޑުއެހުން ތާވަލުކުރުމަށްފަހު އަންގަވާނެކަމަށް ފަނޑިޔާރުންގެ ބެންޗުން އިއުލާނުކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.