އައްބާސްއަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހަށް

އައްބާސްއަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހަށް

Author
ހުސައިން
09 އޮގަސްޓް 2025 09:20
0

ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސްއަށް ފުރާނައަށް ގެއްލުން ދޭނެކަމުގެ ބިރުވެރި އިންޒާރެއް ދީފައިވާތީ، އެ މައްސަލަ ފުލުހުންގެ އިދާރާއަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

އެކްސް (ޓްވިޓަރ) ގައި އައްބާސް ކުރެއްވި ޕޯސްޓެއްގައި ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުގެ ސިޔާސީ މަގާމެއްގައި ހުންނަވާ ފަރާތަކުން އޭނާގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާނެ ފަދަ އިންޒާރެއް ދީފައިވާކަމަށެވެ. މި ހާދިސާގެ ތަފްސީލުތައް ބަޔާންކޮށް ރަސްމީ ޝަކުވާއެއް ސަލާމަތީ ބާރުތަކަށް ހުށަހަޅާނެކަމަށް އައްބާސް ވިދާޅުވިއެވެ.

ފޭސްބުކްގައި ޝާއިޢުކޮށްފައިވާ ޕޯސްޓެއްގައި އައްބާސްއަށް ސީދާ އަމާޒުކޮށް، އޭނާގެ "ނިޒާމުގެ ތެރެއިން ގެއްލިދާނެ" ކަމަށާއި "ގޭގައި ފިލައިގެން އުޅެން ނުޖެހޭ" ގޮތަށް ކަންތައް ކުރާނެކަމުގެ ބިރުދެއްކުމުގެ އިތުރުން، "އަމިއްލައަށް ސައިޒަށް ތިރިވުމަށް" ގޮވާލާފައިވާކަން ފާހަގަކުރެވެއެވެ.

މި އިންޒާރުތައް ލިބިފައިވަނީ، ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ސަރުކާރު ކޯލިޝަން ޕާޓީ ޕީއެންސީން 13 ނުވަތަ 14 މެމްބަރުން ވަކިވެ، އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕް ރޫޅިގެންދާނެކަމަށް އައްބާސް ކުރެއްވި ބަޔާނަކާ ގުޅިގެންނެވެ.

އެހެންނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީއެންސީގެ އިސް މެމްބަރުން ވަނީ އައްބާސްގެ މި ވަހަކަ ދޮގުކޮށް، އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕް ވަރުގަދަކަމަށާއި އެއްވެސް މެމްބަރަކު ވަކިނުވާނެކަމަށް ޔަގީންކަން ދީފައެވެ. ޕީއެންސީގެ ފަރާތުން ބުނެފައިވަނީ ޕާޓީގެ އެއްބައިވަންތަކަން ދެމެހެއްޓުމުގައި ފުރިހަމަ އިތުބާރު އޮތްކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.